ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން އުނިކުރަނީ

ބިދޭސީން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައި ހުރި ޖޫރިމަނާތައް ނުދައްކާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން އުނިކުރާނެ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފިއެވެ.

ހޯމް މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވާ 1،026 ކުންފުންޏެއްގެ ނަން ހިމެނޭ ލިސްޓެއް މިދިޔަ މަހުގެ 24ގައި އާންމުކޮށްފައެވެ. އެ ދުވަހު މިނިސްޓްރީން އެންގީ މި ހިނގާ އޮގަސްޓުމަހުގެ 12ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައުލަތަށް ދައްކައި ޚަލާސްކުރުމަށެވެ.

ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ ދައްކައި ޚަލާސްކޮށްފައިވަނީ 20 ކުންފުންޏަކުން އެކަންޏެވެ. ޖޫރިމަނާ ފައިސާ ނުދައްކައިވާ ބައެއް ކުންފުނިތަކުން ވެސް، ދައުލަތަށް ދައްކަންޖެހޭ ފައިސާ ބޮޑެތި އަދަދުތަކުން ދައްކައި ޚަލާސްކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައިވަނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދައްކައި ޚަލާސް ކުރުމަށް، ވަޒީފާދޭ ފަރާތްތަކަށް މި ހިނގާ އޮގަސްޓުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައި ވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، ސިސްޓަމް މެދިވެރިކޮށް ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށެވެ.

ބިދޭސީންނަށް ބޭނުންވާ ވޯކް ޕާމިޓާއި ވިޒާފަދަ ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދެނީ އެކްސްޕެޓް ސިސްޓަމްގެ ތެރެއިންނެވެ.

ހޯމް މިނިސްޓްރީން އިއުލާނުކުރި ލިސްޓުގައި ހިމަނާފައިވަނީ ވޯކް ޕާމިޓާއި ކޯޓާ ފީގެ އިތުރުން ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދުތަކެވެ.

އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 672 މިލިއަން ރުފިޔާއަށް އަރައެވެ.

މިނިސްޓްރީން އާންމުކުރި ގޮތުގައި ބިދޭސީންނާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 182 މިލިއަނަށް ވުރެ ގިނަ ފައިސާ މިދިޔަ ބުދަ ދުވަހުގެ ރޭގެ ނިޔަލަށް އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

https://sun.mv/195474

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް