އައްޑޫގައި އިނގިރޭސިން ހަދައިފައިވާ ތަންތަން މަރާމާތުކޮށް، ފަތުރުވެރިކަމަށް ޕްރޮމޯޓް ކުރަނީ

'ޑެސްޓިނޭޝަން އައްޑޫ 2024' ސަމިޓުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އައްޑޫ ސިޓީ، އިނގިރޭސީންގެ މެދުގައި ޕްރޮމޯޓުކޮށް އިނގިރޭސީންގެ މާކެޓް ޕްލޭސްއަކަށް ހައްދަވާނެ ކަމަށް -- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

އައްޑޫ ސިޓީގައި މީގެ ކުރިން އިނގިރޭސިން ތިބި ދުވަސްވަރު އެ މީހުން ހަދައިފައިވާ ތަންތަން މަރާމާތުކޮށް، އިނގިރޭސި ފަތުރުވެރިން ގެންނަން މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށް 'ޑެސްޓިނޭޝަން އައްޑޫ 2024' ގެ ނަމުގައި ބޭއްވި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، އިނގިރޭސިން މީގެ ކުރިން އައްޑޫގައި އުޅުނު އިރު ހަދާފައި ހުރި ތަންތަން މިހާރުވެސް އެބަހުރި ކަމަށެވެ. އަދި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގައި މީގެ ކުރިން އިނގިރޭސިން މިތާގައި ތިބިއިރު އިނގިރޭސިން އޭރު ހަދާފަ ހުރި ތަންތަން އެބަހުރި. އެ ތަންތަން އަލުން އަޅުގަނޑުމެން ރިނޮވޭޓްކޮށް އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށް. އެކަން ކުރެވޭނީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ކަމުން އަޅުގަނޑު ވާނީ އެ މިނިސްޓްރީއާއެކު ވެސް ބައްދަލުކޮށްފަ، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ފައިސަލް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ބާއްވާ ޓޫރިޒަމް ފެއާގައި ވެސް އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށްޓަކައި އައްޑޫ ޕްރޮޕޯޓްކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވެސް އެ ފެއާގައި ބައިވެރިވާން ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އެކަމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

'ޑެސްޓިނޭޝަން އައްޑޫ 2024' ސަމިޓުގެ ތެރެއިން: މިނިސްޓަރު ފައިސަލް ވިދާޅުވީ އައްޑޫ ސިޓީ، އިނގިރޭސީންގެ މެދުގައި ޕްރޮމޯޓުކޮށް އިނގިރޭސީންގެ މާކެޓް ޕްލޭސްއަކަށް ހައްދަވާނެ ކަމަށް -- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

އައްޑޫ، އިނގިރޭސިންގެ މާކެޓް ޕްލޭސްއަކަށް ހެދުމަކީ ވަރަށް ޚާއްސަ ކަމެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އައްޑޫއަކީ އެކަން ކުރަން އެންމެ ރަނގަޅު އެއްތަން ކަމަށެވެ.

ހަމައެއާއެކު 'ޑެސްޓިނޭޝަން އައްޑޫ 2024' ސަމިޓުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރެވި، އައްޑޫގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރާނެ ނިންމުންތައް ވެސް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑު މިހުރީ ގޮވާލި ކޮންމެ ހިނދެއްގައި އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކޮށްދޭން. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮށްދޭންޖެހޭ އެއްވެސް ކަމެއް ނުކުރެވިގެން ނޯންނާނެ، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ފައިސަލް ވިދާޅުވީ އައްޑޫ ޓޫރިޒަމާ ގުޅޭ ކަރުދާހެއް އެކުލަވާލަމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަރުދާސް ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، ސަރުކާރު ކެބިނެޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އައްޑޫ ކައުންސިލުން އިސްނަގައިގެން ބާއްވާ މިފަދަ ސަމިޓުތައް ރާއްޖޭގައި ވަކިން ޚާއްސަކޮށް ޓޫރިޒަމް ނެތް ތަންތަނުގައި މިހާރުން މިހާރަށް ފައްޓަންޖެހޭ ކަމަށެވެ. އަދި މިއީ ސަރުކާރާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީއަކީ ބިން ބޮޑު، އަތޮޅެކެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތަކެއް އޮތް ނަމަވެސް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައެއް ނުވެއެވެ.

ރާއްޖެއާއި އިނގިރޭސިިވާތާ ދެމެދު 1887ގައި ހެދި މުއާހަދާއެއްގެ ދަށުން، އިނގިރޭސި ހިމާޔަތުގައި އޮތް ދުވަސްވަރު އެ ގައުމުގެ ސިފައިން އައްޑޫގައި ވަޒަންވެރިވެގެން ދިރިއުޅުނެވެ. އޭރު އިނގިރޭސިން އައްޑޫގައި އެއާޕޯޓެއް ހަދައި، ކާރުހާނާތައް ހިންގިއެވެ.

އިނގިރޭސިން ބޭނުންކުރި އިމާރާތްތައް ގަމުގައި ހުރި ނަމަވެސް، އެ ތަންތަން މިހާރު ދަނީ ވީރާނާވަމުންނެވެ.

comment ކޮމެންޓް