ހެދިކާ ތެރޭ އޮތް ފުޅިތޮށިގަނޑެއް ކެވި، ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހެދިކާ ތެރޭ އޮތް ފުޅިތޮށިގަނޑެއް: އެ ހެދިކާކޭ ކުޑަކުއްޖެއްގެ އަނގަ ކަފައިގެން ގޮސް ވަނީ އަނިޔާވެފައި -- ފޮޓޯ/ މަޝޫ ހަސަން، ފޭސްބުކް ޕްރޮފައިލް

ހެދިކާއެއް ކަނިކޮށް، އޭގެތެރޭ އޮތް ފުޅިތޮށިގަނޑުން ކުޑަކުއްޖަކު ޒަޚަމްވެއްޖެއެވެ.

އިއްޔެ މި ހާދިސާ ހިނގާފައި ވަނީ ގދ. ތިނަދޫގައެވެ.

އެ ރަށު މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓުގައި، އެއީ އޭނާގެ ކޮއްކޮއެއް އެ ރަށު ފިހާރައަކުން ގަތް ހެދިކާއެއް ކަނިކޮށް ހިނގި ހާދިސާއެއްކަމަށް ވަނީ ބުނެފައެވެ. އެގޮތުން ހެދިކާގެ ތެރޭގައި އޮތް ފުޅިތޮށިގަނޑަކުން އަނގައިގެ އެތެރެ ކަފައިގެން ދިޔަކަން ފާހަގަކުރިއެވެ.

އެ ޕޯސްޓާއެކު އޭނާ ވަނީ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ކުއްޖާގެ އަނގައިން ލޭ ފައިބާ މަންޒަރު ފެނެއެވެ.

އަދި އެ ކުއްޖާ ކެއި ހެދިކާއާއެކު އޭގެ ތެރެއިން ފެނުނު ފުޅިތޮށިގަނޑުގެ ފޮޓޮއެއްވެސް ހިއްސާކޮށްފައިވެއެވެ.

އެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހެދިކާ ގަނެފައިވަނީ، އެ ރަށުގެ ވަރަށް ގިނަ ބަޔަކު މިހާރު ވެސް ހެދިކާ ގަންނަ ފިހާރައަކުންނެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި ކާއެއްޗިހި ތައްޔާރުކޮށް ވިއްކާ ފަރާތްތަކުން ވެސް ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

ރާއްޖޭގައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ނޫނަސް ފިހާރަތަކުގައި ވެސް ހެދިކާ އާއްމުގޮތެއްގައި ވިއްކައެވެ. އާއްމު މީހުން ވެސް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ގޭގޭގައި ހެދިކާ ހަދައިގެން ފިހާރަތަކަށް ފޮނުވައިގެން ވިއްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް