ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި

ޔުނައިޓެޑްގެ ލަނޑު ޖެހީ ޖޯޝުއާ ޒާކްޒީ --

އިންގްލިޝް ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުންލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް އާސީޒަނަށް އަދި މުޅިން ތައްޔާރުވެފައިނުވާކަމުގެ އިޝާރާތްތައް ފެނިގެންދިޔައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ދެޓީމުންވެސް ކުޅުން ރަނގަޅުކޮށް ހަމަލާއަށް އިސްކަން ދީގެން ކުޅުނުތަން ފެނުނެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ޔުނައިޓެޑެވެ. ނަމަވެސް އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް ލިބުނު ފުރުސަތުގައި ފުލަމްގެ ގޯލަށް ފޮނުވާލި ހަމަލާވަނީ އެޓީމުގެ ކީޕަރު އަދި ކެޕްޓަން ބާންޑް ލެނޯ ދިފާއު ކޮށްފައެވެ. އަދި ފުލަމްގެ ފަރާތުންވެސް ވަނީ މިހާފުގައި ނުރައްކާތެރި ކައުންޓާ އެޓޭކްތަކެއް ފެނިފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިގޮތުން މިހާފުގައިވެސް ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނެވެ.

މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގައި ކުޅެން ނެރުނު ދެކުޅުންތެރިން ކަމަށްވާ އަލެހަންޑުރޯ ގަނާޗޯ އާއި ޖޯޝުއާ ޒާކްޒީ ގުޅިގެންނެވެ. މިގޮތުން މެޗުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިލަނޑު ޒާކްޒީ ކާމިޔާބު ކޮށްފައިވަނީ ގެނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މިއީ ޕްރިމިއާ ލީގުގައި މުޅިން އަލަށް ކުޅެމުންދިޔަ ޒާކްޒީ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިއާއެކު ޒާކްޒީ ވެފައިވަނީ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި ނެދަލަންޑްސްގެ 15 ވަނަ ކުޅުންތެރިޔާއަށެވެ.

މިމެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ގަނާޗޯއަށްވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ފުލަމްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކަސް ރަޝްފަޑް ވަރަށް ބަލައިލައިފައިދިން ބޯޅަ ގަނާޗޯ ޖެހުމުންދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

comment ކޮމެންޓް