ފަލަސްތީނުގެ ބިން މިނިވަންކުރަން އެންމެހައި މުސްލިމުން އެކަތިގަނޑަކަށް ވާންޖެހޭ: ޚުތުބާ

ހުތުބާ އިއްވަނީ--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފަލަސްތީނުގެ ބިން މިނިވަން ކުރުމަށް އެންމެހައި މުސްލިމުން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ބުނީ ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އެއީ ހުރިހައި މުސްލިމުންގެ މައްސަލައެއް ކަމަށެވެ.

މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފިނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށާއި އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ޤުދުސަކީ ޔަހޫދީންގެ ރަށެއް ނޫން ކަމަށާއި އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުން ކަމަށާއި އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ތިން ހާސް ފަސް ސަތޭކަ އަހަރު ކުރީން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"ޢަރަބީން މި ބިމުގައި ދިރިއުޅެމުން ދަނިކޮށް ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޛާ ދަރިކޮޅުގެ މީހުން މި ބިމަށް އައިސް ބަނޑަހަޖެހީއެވެ. މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެކެވެ." ހުކުރު ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ޙީލަތްތެރި ރޭވުމުގެ ދަށުން، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އިސްލާމީ ޚިލާފަތު ވައްޓައިލައި، ފަލަސްޠީނު އިނގިރޭސި ވެރިކަމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދީ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ނިމިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40000 އަށް އުފުލިފައެވެ.

އޭގެ ތެރޭގައި 16000 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނޭއިރު ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92294 އަށް އުފުލިފައެވެ.

comment ކޮމެންޓް