އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އެ ގައުމުގައި ވެރިކަންކުރަން ފެށިފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 1.4 މިލިއަން އަންހެން ކުދިން ސްކޫލް ތައުލީމުން ގަސްތުގައި މަހުރޫމުކޮށްފައިވާ ކަމަށް އދ ން ބުނެފިއެވެ.
ޔުނެސްކޯއިން އެންމެ ފަހުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ހިސާބުތައް ހޯދިފަހުން އިތުރު 300،000 އެއްހާ އަންހެން ކުދިންނަށް ސްކޫލަށް ނުދެވޭ ކަމަށްވެސް އދ އިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ ޖީލެއްގެ މުސްތަގްބަލު ނުރައްކަލުގެ ތެރެއަށް ހުށަހެޅުން ކަމުގައިވެސް އދ އިން ވަނީ ބުނެފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން ސްކޫލަށް ނުދާ އަންހެން ކުދިންގެ އަދަދަށް ރިއާޔަތްކޮށް، އދގެ ތައުލީމާއި ސަގާފަތާބެހޭ އިދާރާއިން ބުނީ އަފްޣާނިސްތާނުގެ ސްކޫލަށްދާ އުމުރުގެ އަންހެން ކުދިންގެ 80 އިންސައްތަ ނުވަތަ ޖުމްލަ 2.5 މިލިއަން ކުދިންނަށް ވަނީ ސްކޫލް ތައުލީމު ލިބުން މަހުރޫމުކޮށްފައެވެ.
އެކަމާ ގުޅިގެން ޔުކެސްކޯއިން ނެރުނު ބަޔާނެއްގައި ވަނީ އެހާ ގިނަ އަދަދެއްގެ ކުދިން ތައުލީމުން މަހުރޫމު ކުރުމުގެ ސަބަބުން ޅަ އުމުރުގައި ކައިވެނި ކުރުން އިތުރުވެ، ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން ފަދަ ނޭދެވޭ އެތައް ނަތީޖާއެއް ފެނިދާނެ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭގެއިތުރުން ޕްރައިމަރީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. އަފްޣާނިސްތާނުގައި 2022 ވަނަ އަހަރު ޕްރައިމަރީ ތައުލީމު ހާސިލުކުރާ 5.7 މިލިއަން އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވަމުން ދިޔައިރު، 2019 ވަނަ އަހަރު 6.8 މިލިއަން ކުދިން ތިބި ކަމަށް ޔުނެސްކޯއިން ބުނެއެވެ. އެ އަދަދު މަދުވާން ދިމާވި ސަބަބުތަކުގެ ތެރޭގައި އަންހެން ޓީޗަރުންނަށް ފިރިހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުމާއި، ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ބޭނުންނުވުން ހިމެނޭކަމަށް ޔުނެސްކޯއިން ބުނެއެވެ.
މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ ނިސްބަތްވެސް ވަނީ ކަންބޮޑުވާ ދަރަޖައަށް ދަށްވެފައި ކަމަށް ޔުނެސްކޯއިން ހާމަކޮށްފައިވާއިރު، އަފްޣާނިސްތާނުގައި 2021 ވަނަ އަހަރުން ފެށިގެން ޔުނިވާސިޓީ ތައުލީމު ހާސިލުކުރާ ކުދިންގެ ނިސްބަތް ވަނީ 53 އިންސައްތައަށް ދަށްވެފައެވެ. އޭގެ ސަބަބުން ހުނަރުވެރި މީހުން ބޭނުންވާ ވަޒީފާތަކަށް މީހުން ނުލިބި ތަރައްގީއަށް ހުރަސް އެޅޭނެކަންވެސް ޔުނެސްކޯއިން ވަނީ ފާހަގަކޮށްފައެވެ.
އަފްޣާނިސްތާނަކީ އަންހެން ކުދިންނާއި އަންހެނުން ސެކަންޑަރީ ސްކޫލްތަކަށާއި ޔުނިވާސިޓީތަކަށް ދިއުން ހުއްޓުވާ ހަމައެކަނި ގައުމެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައިފަހުން، ހަވަނަ ގްރޭޑުން މައްޗަށް އަންހެން ކުދިން ތައުލީމު ހާސިލުކުރުން އޮތީ މަނާކޮށްފައެވެ.
ޝަރުތަކާ ނުލައި އަފްޣާނިސްތާނުގެ އަންހެން ކުދިންނަށާއި އަންހެނުންނަށް ސްކޫލްތަކާއި ޔުނިވާސިޓީތައް އަލުން ހުޅުވައިލުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އޮޑްރީ އަޒޫލޭ ވަނީ އެދިވަޑައިގެންފައެވެ.