މާލެ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި ހުޅުމާލެއިން ކަނޑައަޅާ ވަކި ބިމަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން މިކަން އިއުލާނުކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި ހުޅުމާލޭން ބިމަކަށް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
އެގޮތުން، އެ ބިމަށް ވެހިކަލް ގެންދަން ޖެހޭ ވެހިކަލްގެ ވެރިފަރާތުންކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ، އެކަމުގެ ސަބަބުން ޓޯކޮށްގެން އަރާ ޖޫރިމަނާއާއި ގެއްލުމެއް ނުލިބޭނެ ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1723717816172XKO.jpg)
ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަން ފެށުން: ނުގަވައިދުން ހުރި އުޅަނދުތައް ވަކި ބިމަކަން ބަދަލު ކުރަން 40 ދުވަހުގެ މުއްދަތެއް ދެނީ --- ފޮޓޯ/ ފުލުހުން
އެއާއެކީގައި އަޅުގަނޑުމެން އުސޫލު ކަނޑައަޅާނަން ހަ މަސްދުވަހުގެ ތެރޭގައި އެ ބޭފުޅުން އެތަނުން އެ ވެހިކަލް ނަންނަގަވަން ޖެހޭ ގޮތަށް. އެއީ ތާއަބަދަކަށް އެތަންތަނުގައި ނުބެހެއްޓޭނެތީ. އެއީ އެހެން ކަންތައްތަކަށް ކަނޑައެޅިފައި ހުރި ބިންތަކަކަށް ވާތީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ހުއްޓުމެއް ނެތި ޓޯކުރަމުންދާނެ ނުވަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.
އޭގެތެރޭގައި ޚާއްސަކޮށް ސުކޫލުތަކާއި މިސްކިތްތަކުގެ ކައިރީގެ އިތުރުން އާންމުކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގެ ޖާގަތައް ހިމެނިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން، އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތަކާއި އެއްވެސް ވަރަކަށް ރަސްމީ ރަޖިސްޓްރޭޝަނެއް ނެތި ފޭކު ނަންބަރު ޖަހާފައި ހުރި އުޅަނދުތައް މިހާރު ވެސް ޓޯކުރެވިފައި އެބަ ހުރި ކަމަށް އިހުސާން ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172371792217VPRJ.jpeg)
ޕާކިން މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި ވަނީ ނުގަވައިދުން ހުރި އުޅަނދުތައް ވަކި ބިމަކަން ބަދަލު ކުރަން 40 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައި ---- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ
މި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރި ފަރާތުން މިނިސްޓަރު [ޓްރާންސްޕޯޓް މިނިސްޓަރު އަމީން] އެ ފާހަގަކުރެއްވިހެން 40 ދުވަހުގެ ތެރޭގައި ކަނޑައަޅާ ސަރަހައްދަށް ގެންގޮއްސަ އެ ތަނުގައި ބާއްވައިގެން ހަ މަސްދުވަހުގެ ތެރޭގައި ރަސްމީ ސިފައެއްގައި އެތަކެތި ރަޖިސްޓްރީ ކުރުމަށް މި ފުރުސަތު ހުޅުވާލެވިފައި އޮތީ ހޯމް މިނިސްޓަރު އަލީ އިހުސާން
ނަމަވެސް، 40 ދުވަހުގެ ފަހުން ނުގަވައިދުން މަގުތައް މަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަމުންދާނެ ކަމަށާއި މިނިސްޓްރީއަކުން ވެސް ބޭނުންވަނީ ރައްޔިތުން ޚަރަދުކޮށްގެން ގަނެފައި ހުރި އުޅަނދުތައް ރަޖިސްޓްރީކޮށް، ގަވާއިދާ އެއްގޮތަށް ދުއްވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.
މާލެ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ގަވައިދަށް ފެއްތުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި، މާލެ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަދި ހޯމް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_171965733740G6Fi.jpeg)
ހޯމް މިނިސްޓަރު އަލީ އިހުސާން: ނުގަވައިދުން ހުރި އުޅަނދުތައް ވަކި ބިމަކަން ބަދަލު ކުރަން 40 ދުވަހުގެ މުއްދަތެއް ދެނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަންނަނީ ގަވާއިދާ ޚިލާފަށް ހުންނަ މަގުތައް މަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރަޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.