މައްލާ ޅަތުއްތު އަވަހާރަވެއްޖެ

މައްލާ ޅަތުއްތު---

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު މިއަދު އަވަހާރަވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މައްލާ ޅަތުއްތު އަވަހާރަވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު އިންޑިއާގެ ޓްރެވެންޑްރަމްގައެވެ.

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު، މައްލާ ޅަތުއްތު ރިޓަޔާކުރެއްވީ 20 އެޕްރީލް 2010 ގައެވެ.

މައްލާ ޅަތުއްތަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް 52 އަހަރު މައްލާ ޅަތުއްތު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

އޭނާ ވަނީ ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. އަދި، 2022 ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މައްލާ ޅަތުއްތު، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރު، ސިފައިންގެ މީހެއްގެ ވަޒީފާއަށެވެ. އޭގެ ފަހުން ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަން ކުރައްވައިފައިވެއެވެ.

މައްލާ ޅަތުއްތު، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ އެސްޓީއޯގައެވެ. އެގޮތުން، އެސްޓީއޯގެ ސެކްރެޓެރީއެއްގެ މަގާމު، މައްލާ ޅަތުއްތުއަށް ދެއްވީ، 1976 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. ސޯޅަ ވަރަކަށް އަހަރު އެސްޓީއޯގައި ތަފާތު މަގާމުތައް އަދާކުރެއްވިއެވެ. އެންމެފަހުން ހުންނެވީ، ސޭލްސްއާ ބެހޭ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. މައްލާ ޅަތުއްތުއަކީ ވަރަށް މުރާލި، މަސައްކަތަށް ފަރުވާ ބެހެއްޓެވި، އަމާނާތްތެރި، އިޚްލާޞްތެރި ޚިދުމަތްތަކެއް އެސްޓީއޯއަށް ކޮށްދެއްވި ބޭފުޅެކެވެ.

މައްލާ ޅަތުއްތު ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގައި ވެސް ތަފާތު އެކިއެކި މަގާމުތަކުގައި 11 އަހަރަށްވުރެ ގިނަ ދުވަހު، ވަރަށް އިޚުލާޞްތެރިކަމާއި، ނަޒާހަތްތެރިކަމާއި، މުރާލިކަމާ އެކު ޚިދުމަތްތަކެއް ކުރައްވައިފައެވެ. މައްލާ ޅަތުއްތުއަކީ، ހަވާލުކުރާ ކޮންމެ ކަމެއްގައި ފަސްނުޖެހި، ވަރަށް ސާބިތުކަމާ އެކު، ވަރަށް ފުރިހަމައަށް އެކަމެއް ކުރެއްވި، ވަރަށް ހީވާގި ބޭފުޅެކެވެ. ހަމައެހެންމެ، ފައިސާއާބެހޭ ކަންތައްތައް ވަރަށް އަމާނާތްތެރިކަމާ އެކު ބެލެހެއްޓެވި އަދި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަމުގައި ޢަމަލުކުރެއްވި ބޭފުޅެއް ވެސް މެއެވެ.

މައްލާ ޅަތުއްތު ވަނީ، ޕަބްލިކް ވާކްސް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނާއި، މާލޭ ހާބާ ސެކްޝަން، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓަވައިފައެވެ.

މައްލާ ޅަތުއްތު އެންމެފަހުން ޚިދުމަތް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެސް ހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. އެންމެފަހުން ފުރުއްވީ، އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް