ކައުންސިލަރުންގެ މެދުގައި ހިނގައިދިޔަ ހޫނު ގަދަ ޒުވާބަކަށް ފަހު މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު މިއަދު ވަކިކޮށްފިއެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުގައި އޮތް ހަތަރުވަނަ ދައުރުގެ 158ވަނަ ޖަލްސާގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަކިކުރުމާމެދު ގޮތެއް ނިންމަން އެޖެންޑާގައި އޮތީ ހިމަނައިފައެވެ.
އެ މައްސަލައިގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން އެ ކައުންސިލުގެ އިސް ބޭފުޅަކު ވިދާޅުވީ އެސްޖީ ވަކިކުރަން ހުށަހެޅީ ޒިންމާ އަދައިކުރުމާމެދު އެސްޖީ އަމަލުކުރަމުން އަންނަ ގޮތުގެ ސަބަބުން ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ކަމަށެވެ.
އެގޮތުން, މައްސަލަ ހިމެނޭ މުވައްޒަފުން ވަކި ނުކުރުމާއި، ކައުންސިލުން ބޭރަށް ދައްކަންޖެހޭ ބައެއް ބިލުތަކަށް ފައިސާ ނުދައްކައި ހުރުން ހިމެނޭކަަމަށް ވަނީ މައުލޫމާތު ދީފައެވެ.
ނަމަވެސް, އެ ވާހަކަތަކާ ގުޅިގެން ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި މޭޔަރު އާދަމް އާޒިމްވަނީ އެއްވެސް ލިޔެކިޔުމެއްގައި ސާފުކޮށް އެ ކަމެއް ކުރިކަން އެނގެން ނެތް ނަމަ ފައިސާ ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.
"މިސާލަކަށް އެއްވެސް ޑޮކިއުމަންޓެއް ނެތް ބިލްތަކެއް މި ތަނަށް ލީމާ އެއަކަށް ފައިސާއެއް ނުދެއްކޭނެ،" ފައިސާއާ ގުޅޭގޮތުން އެސްޖީއަށް ކުރެވުނު ތުހުމަތުގެ ދިފާއުގައި އާޒިމް ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުން ހޫނުވީ އެސްޖީ ވަކިކުރަން ވޯޓަށް އެހިއިރު ޖަވާބުދާރީވާނެ ފުރުސަތެެއް އެސްޖީއަށް ދީފައިނުވާ ކަމަށާއި އެ ފުރުސަތު ދޭންވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވުމުންނެވެ.
"އަޅުގަނޑުމެންގެ ފަރާތުން މި ހުރި ހިތްހަމަނުޖެހުންތަކަށް ލިޔުމުން އެސްޖީ މިތަނަށް ޖަވާބެއް ދެއްވުން އަޅުގަނޑު އެދެން. އެއްވެސް މީހަކާ ދެކޮޅަސް ވޯޓެއް ނަގާއިރު އެ މީހެއްގެ ބަހެއް ލިޔުމުން ނޫނީ އަނގަބަހުން ލިބެންވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ނޫނިއްޔާ އެއީ ރަނގަޅުކަމެއް ނޫން،" ޖަލްސާގައި ވާހަކަދައްކަވަމުން ސައިފް ވިދާޅުވިއެވެ.
ސައިފްގެ އެ ވާހަކައަށް ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވެސް ވަނީ ތާއީދުކުރައްވައިފައެވެ.
ނަމަވެސް، ފުރުސަތު ނުދެނީސް "އަޅުގަނޑުމެންނަށް އެއްވެސް ބާރެއް ނެތްކަމަށް" ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ވަނީ އަޑުގަދަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ކައުންސިލަރުން ޖަވާބުދާރީވާންޖެހެނީ ރައްޔިތުންނަށް ކަމަަށާއި ކައުންސިލްގެ މަސައްކަތް ނުހިނގާނަމަ އެ ކަންކަން ބަދަލުކުރެވެން ވާނެކަމަށެވެ.
އެއާއެކު ވޯޓަށް އެހުމުން މެޖޯރިޓީއާ އެކު އެސްޖީ ވަކިކުރަން ފާސްވި ނަމަވެސް އެ ވޯޓުގައި ސައިފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.