ކަމަނާއަށް ޑިމާންޑު ބޮޑު، ދަންވަރު ވެސް ޝޯތައް

ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އާ ފިލްމު "ކަމަނާ"އަށް ޑިމާންޑް ބޮޑުވެ އިތުރު ޝޯތަކެއް އަޅުވަން ނިންމައިފިއެވެ.

މި މަހުގެ ފަހު ކޮޅު ދައްކަން ހަމަޖެހިފައިވާ ކަމަނާގެ ޓިކެޓުތައް ދޫކުރަން ފެށުމާ އެކު ޕްރިމިއާ ޝޯ ހައުސްފުލް ވީ ވަރަށް އަވަހަށެވެ. އަދި، އެއާއެކު ޝޯއަށް އޮތް ޑިމާންޑު ވަނީ ހަމަ އިތުރުވާން ފަށާފައެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27ގައެވެ.

ފިލްމުގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން އެންމެ ފަހުން މިހާރު އިތުރު ޝޯތަކެއް ދައްކަން ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފިލްމު އެޅުވުމަށް ކުޑަ މުއްދަތެއް ލިބިފައިވާއިރު ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ.

މި ކަމަށް ހައްލެއް ހޯދުމަށްޓަކައި ފިލްމުގެ އިތުރު ޝޯތަކެއް ހަފުތާ ބަންދުގައި އަޅުވާނެއެވެ. އާންމުކޮށް ދުވާލަކު އެއް ޝޯ އަޅުވާއިރު މި ފަހަރު ހަފުތާ ބަންދުގައި ރޭގަނޑު ދެ ޝޯ އަޅުވާނެއެވެ. އެގޮތުން، ފަހު ޝޯ ދަންވަރު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 27 ގައި ފިލްމު ޕްރިމިއާ ކުރާއިރު ކަމަނާ އެޅުވުމަށް އޮލިމްޕަސް ލިބިފައިވަނީ އަންނަ މަހުގެ 14ގެ ނިޔަލަށެވެ. އެއާއެކު އިތުރު ޝޯތައް އެޅުވުމަށް ހަމަޖެއްސީއެވެ.

ކަމަނާގެ ޕްރިމިއާގެ ޝޯ އަވަހަށް ފުރިގެން ދިޔައިރު އިތުރު ޝޯތަކެއް ވެސް ވަނީ މިހާރު ހައުސްފުލް ވެފައެވެ. އެގޮތުން، ފުރަތަމަ ހަ ޝޯ އެއްކޮށް މިހާރު ވަނީ ހައުސްފުލް ވެފައި ކަމަށް ޕްރޮޑަކްޝަނުން ހާމަކުރެއެވެ. އިތުރު ޝޯތަކަށް ޓިކެޓު މިހާރު ވެސް އަންނަނީ ދޫކުރަމުން ކަމުގައި ޕްރޮޑަކްޝަނުން ބުނެއެވެ.

comment ކޮމެންޓް