މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ކާސްޓަށް ޝީލާ ނަޖީބު އަދި ހުސައިން ސޮބާހު ގުޅިއްޖެއެވެ.
ބޮޑު ބްރޭކަކަށް ފަހު ނަހުލާގެ އާ ފިލްމަކާ އެކު އަންނަން އުޅޭކަން ހާމަކޮށްފައިވަނީ މި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއަށް ފަހު ފޭނުންގެ ކެތްތެރިކަން އޮތީ މިހާރު އިންތިހާއަށް ކުޑަވެފައެވެ.
ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ މަސައްކަތް ނަހުލާއާއި ޓީމުން ވަނީ ފަށާފައެވެ. ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު ފިލްމުގެ ކާސްޓަށް ދެ އެކްޓަރުން ވަނީ އިތުރު ކޮށްފައެވެ. އެގޮތުން، ސޮބާހަކީ 2000ގެ ކުރީކޮޅުގައި ގިނަ އުފެއްދުންތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން ލަވަވެސް ކިޔާ ސޮބާހު އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2018 ވަނަ އަހަރެވެ. އެހެންވީމާ، ސޮބާހު މި ފެންނާނީ ބޮޑު ބްރޭކަކަށް ފަހުގައެވެ.
ސޮރީގެ މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތް ކުރިއަށް ދަނީ މާ ގިނަ މައުލޫމާތުތަކެއް ހިއްސާ ނުކޮށެވެ. އެގޮތުން، މިހާތަނަށް އިއުލާނުކޮށްފައިވަނީ މަދު ކާސްޓެކެވެ. ފިލްމުގެ ލީޑުން ފެނިގެންދާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުއެވެ.
ސޮރީ ވެސް ވާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވާނީ އޭނާގެ ގިނަ ދުވަސްވީ ފޭނުންތަކަށް ބޮޑު ޓްރީޓަކަށެވެ.
ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.