ބިބީ އޮކްޓޫބަރުގައި އޮލިމްޕަހަށް

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ" މި އަހަރުގެ އޮކްޓޫބަރު މަހުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި އަހަރު އެންމެ ވަރުގަދައަށް ޑާކްރެއިންއިން މިހާރު ދައްކަމުން ދަނީ ބިބީގެ ވާހަކައެވެ. މިއީ ޑާކްރެއިންއިން މި އަހަރު ނެރުމަށް ތައްޔާރުވާ ބިރުވެރި ކޮމެޑީ ފިލްމެކެވެ.

ފިލްމުގެ ގިނަ މަސައްކަތްތަަކެއް މި އަހަރުގެ ކުރީކޮޅުގައި ކޮށްފައިވާއިރު ދާދިފަހުން ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ފަސްޓްލުކް އާންމުކޮށްފައެވެ. ފިލްމުގެ ފަސްޓްލުކް އާންމުކޮށްފައިވަނީ ޕޯސްޓަރަކާ އެކުގައެވެ. މި ޕޯސްޓަރުން ފެންނަނީ ހިޔަންޏެއްގެ ސިފައިގައިވާ މީހެއް ގޮނޑިއެއްގައި އިންނަ ތަނެވެ.

ފިލްމުުގެ ޓެގްލައިންއަކަށް ބުނަނީ "އަ ކޮމެޑީ އޮފް ހޮރޯސް"އެވެ. އެއާއެކު ޑާކްރެއިންއިން ވަނީ ފިލްމު ރިލީޒް ކުރާ ތާރީޚު ވެސް އިއުލާނުކޮށްފައެވެ. ޑާކްރެއިންއިން ބުނެފައިވަނީ މި ފިލްމު ދައްކަން ފަށާނީ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ. މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ އޮލިމްޕަހުގައެވެ.

https://www.instagram.com/p/C-lDXDvyMZh

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމުގެ ކާސްޓުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިންއިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

ބިބީއަކީ މިއަހަރު ޑާކްރެއިންއިން ނެރޭ ދެވަނަ ފިލްމެވެ. މި އަހަރު އެންމެ ފުރަތަމަ ޑާކްރެއިންއިން ރިލީޒްކޮށްފައިވަނީ "ފުރޭތަ" އެވެ. މި އަހަރުގެ މާޗު މަހުގައި ދެއްކި ފުރޭތަ ވެގެން ގޮސްފައި ވަނީ ބޮޑު ހިޓަކަށެވެ.

comment ކޮމެންޓް