މަގުބޫލު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަބްދުالله މުއާޒް (މުއާ) ތައްޔާރު ކުރާ ޑްރާމާ ޝޯ "އިމްތިހާން" އަންނަ މަހުގައި ދައްކަން ތައްޔާރުވެއްޖެއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި ސްޓްރީމިން ސާވިސްތަކަށް ނެރޭ އުފެއްދުންތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އެކި ޕްލެޓްފޯމުތަކުގައި އެކި ޖާންރާތަކުގެ އުފެއްދުންތައް ޕްރޮޑަކްޝަންތަކުން އަންނަނީ ނެރެމުންނެވެ. މީގެ ތެރޭގައި ލޯބީގެ ވާހަކަތަކާއި ޑްރާމާ ވާހަކަތައް ވަރަށް ގިނައެވެ. އަލަށް ނެރުމަށް ތައްޔާރުވާ ޝޯއަކީ ވެސް ލޯބީގެ ޑްރާމާއެކެވެ.
View this post on Instagram
ބެލުންތެރިންނަށް ތަފާތު އިހުސާސްތައް ކުރުވައިދޭނެ މި ޝޯ ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށްފަހު ކޮންމެ ހަފުތާއެއްގައި މިޝޯގެ އެޕިސޯޑެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ޝޯގެ 12 އެޕިސޯޑު ދައްކާނެއެވެ.
އަލަށް ދެއްކުމަށް ހަމަޖެހިފައިވާ ޝޯގެ ޓްރެއިލަރެއްވެސް ވަނީ މިހާރު އާންމުކޮށްފައެވެ. މި ޓްރެއިލަރުން ލޯބީގެ އަސަރުގަދަ ޑްރާމާތައް މި ޝޯއިން ދައްކައިދޭނެ ކަން ފެނިގެންދެއެވެ. މި ޝޯގައި ކެރެކްޓަރުން ރޮއްވާލާނެ އެކި ކަންތައް ވެގެންދާނެ ކަން ޓްރެއިލަރުން ފެނިގެން ގޮސްފައިވެއެވެ.
މި ޝޯގެ ލީޑުން ފެނިގެންދާނީ އަހްމަދު އަޒްމީލް (އަޒޭ) އާއި މަރިޔަމް ޝިފާ އަދި ފާތިމަތު ފަރީލާއެވެ.
އިމްތިހާން ސްޓްރީމް ކުރާނީ މީޑިއާނެޓްގެ އެމްއެސްވީޑިއޯކްލަބުންނެވެ. މީޑިއާނެޓްގެ ސްޓްރީމިން ސާވިސް އިން އަންނީ މިވަގުތުވެސް ގިނަ ޝޯތަކެއް ދައްކަމުންނެވެ. އޭގެތެރޭގައި ތުރިލާ އަދި ޑްރާމާ ޝޯ، "ހިންތާ"ގެ އިތުރުން ލޯބީގެ އަސަރުގަދަ ޑްރާމާ "ރޯލީމޭ" ހިމެނެއެވެ. ރޯލީމޭގެ 12 އެޕިސޯޑް ރިލީޒްކޮށްފައިވާއިރު މިހާރު މި ހުރިހާ އެޕިސޯޑެއް އެކީގައި ސްޓްރީމްކޮށްލެވޭނެއެވެ.