ކޮސް ގިނަ މިސްޓޭކްގެ ޝޫޓިން ނިންމާލައިފި

ބޮޑު ކާސްޓަކާއެކު މީގެ އަހަރުތަކެއް ކުރީން މަސައްކަތް ފަށައި, ގާތްގަނޑަކަށް ނިމިފައިވާ ފިލްމު ޕްރޮޖެކްޓު "ކޮސް ގިނަ މިސްޓޭކް"ގެ ޝޫޓިން އަލުން ފަށައި، މަންޒަރުތައް ނަގައި ނިންމާލައިފިއެވެ.

ގިނަ ދިވެހި ތަރީންނާއެކު އުފައްދާ ކޮމެޑީ ފީޗާ ފިލްމު ކޮސް ގިނަ މިސްޓޭކް އިއުލާނު ކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރުގައި ފިލްމުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އިއުލާނުކޮށް ނޮވެމްބަރުގައި އެޅުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށްފަހު ފިލްމުގެ އިތުރު މައުލޫމާތެއް ނުލިބެއެވެ.

https://www.instagram.com/p/DGiu9NtT1fq

ފިލްމާ ގުޅޭ އިތުރު ވާހަކަތަކެއް ނުދެކެވި އޮވެ، ފިލްމުގެ ޝޫޓިން އަލުން ފެށީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު ފިލްމުގެ ޝޫޓިން މަސައްކަތް ކުރިއަށް ގެންގޮސް މަހެއްގެ ތެރޭގައި ޝޫޓިން މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފައެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓު ކުރަމުންދިޔަ މި ފިލްމުގެ ޕްރޮޑަކްޝަން ޓީމް ވަނީ އަލުން ޝޫޓިން ފެށިއިރު ބަދަލު ވެފައެވެ. އެގޮތުން ފިލްމުގެ ފަހުބައިގެ ޕްރޮޑަކްޝަންގައި އިސްކޮށް ހުރީ އަލީ ސީޒަނެވެ. ފިލްމުގެ އޮރިޖިނަލް ކާސްޓަށް ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު ފިލްމުގެ މަހުގެ މަންޒަރުތައް ނަގާފައިވަނީ މ. އަތޮޅު މުލީގައެވެ.

ގާތްގަނޑަކަށް ހަ އަހަރު ވަންދެއް މަސައްކަތް ހުއްޓިފައި އޮވެ، ފިލްމުގެ މަސައްކަތް އަލުން ފެށިއިރު މި ފިލްމަށް ގެންނަނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް މިއީ މިއަހަރުގެ ތެރޭގައި އަޅުވަން ނިންމާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުގެ ތެރޭގައި ސީޒަންގެ އިތުރުން މަރިޔަމް އައްޒައާއި އާމިނަތު ރިޝްފާއާއި އަހުމަދު ނިމާލާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި މަރިޔަމް ޝިފާގެ އިތުރުން ހާމިދު އަލީ ފަދަ ތަރިން ހިމެނެއެވެ.

comment ކޮމެންޓް