ބެންކޮކް (14 އޮގަސްޓް 2024) : ތައިލެންޑުގެ ބޮޑުވަޒީރު ސެއްތާ ތަވީސިން މަގާމުން ވަކިވެފައިވާކަމަށް އެ ގައުމުގެ ދުސްތޫރީ އެންމެ މަތީ ކޯޓުން ހުކުމްކޮށްފިއެވެ.
ތައިލެންޑްގެ ދުސްތޫރީ އެންމެ މަތީ ކޯޓުގެ ނަމުގައި ނަންދީފައިވާ ކޯޓަކީ އެ ގައުމުގެ ސްޕްރީމް ކޯޓެވެ. އެ ކޯޓުގެ ހުކުމަކީ އެންމެ ފަހުގެ ހުކުމެވެ. އެހެން ކޯޓެއްގައި އިސްތިއުނާފު ނުކުރެވޭނެ ހުކުމެކެވެ.
އެ ކޯޓުން ކުރި ހުކުމްގައިވަނީ ޖިނާއީ މައްސަލައެއް ސާބިތުވެގެން ޖަލު ހުކުމެއް އިއްވައި އެ ހުކުމް ތަންފީޒުކޮށްފައިވާ ބޭފުޅަކު، ސެއްތާގެ ސަރުކާރުގެ ކެބިނެޓަށް އައްޔަންކޮށްފައިވާތީ އެއީ ކަނޑައެޅިގެން ގައުމުގެ ގާނޫނު އަސާސީއާ ޚިލާފު އަމަލެއްކަމުން ސެއްތާއަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިފައިވާ ކަމުގައެވެ.
ސެއްތާއަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ހުކުމްކުރީ ތައިލެންޑްގެ ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޖުމްލަ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.
ސެއްތާއަކީ ދުސްތޫރީ މައްސަލަތަކުގައި ފާއިތުވި 16 އަހަރު ތެރޭގައި ތައިލެންޑްގެ ދުސްތޫރީ އެންމެ މަތީ ކޯޓުން ހުކުމް އިއްވައިގެން މަގާމު ގެއްލިވަޑައިގެންނެވި ހަތަރު ވަނަ ބޮޑުވަޒީރެވެ. އުމުރުން 62 އަހަރުގެ ސެއްތާއަށް މަގާމު ގެއްލިވަޑައިގަތީ ބޮޑުވަޒީރުކަމަށް އޭނާ އައްޔަންކުރިތާ އަހަރެއްހާ ދުވަސް ވެސް ނުވަނީހެވެ.
ސެއްތާ ނިސްބަތްވެވަޑައިގަންނަވަނީ ތައިލެންޑްގެ ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީކަމަށްވާ ޕެއުތައި ޕާޓީ އަށެވެ. މިއީ ތައިލެންޑްގެ ވެރިކަމަށް ދޭތެރެއަކުން އަތްގަދަކޮށް އަސްކަރީ އިންގިލާބުތައްގެންނަ އެ ގައުމުގެ ބާރުގަދަ އަސްކަރިއްޔާގެ ނުރުހުން އޮންނަ ޕާޓީއެކެވެ.
މި ޕާޓީއަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ތަކްސިން ސިނަވަތްރާ އާއި އޭނާގެ އަންހެންކޮއްކޮ ޔަންގްލަކް ސިނަވަތްރާގެ ޕާޓީ ކަމަށްވާއިރު މި ދެބޭފުޅުންގެ ތެރެއިން ތަކްސިންގެ ވެރިކަން ވައްޓާލީ ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައެވެ.
ޔަންގްލަކްގެ ވެރިކަން ވެއްޓުނީ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އެކަމަނާ ހައްޔަރު ކުރުމަށް ތައިލެންޑްގެ ދުސްތޫރީ އެންމެ މަތީ ކޯޓުން 2017 ވަނަ އަހަރު ހުކުމެއް އިއްވުމާއެކު ސިއްރިޔާތުގައި ގައުމުން ފިއްލެވުމާ ގުޅިގެންނެވެ. މި ހުކުމްގެ ފަހަތުގައިވަނީ ތައި އަސްކަރިއްޔާ ކަމަށް ޕެއުތައި ޕާޓީން ތުހުމަތު ކުރެއެވެ.
ދިގުމުއްދަތަކަށް ގައުމުން ބޭރުގައި އުޅުއްވުމަށްފަހު މިދިޔަ އަހަރު ތަކްސިން ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ. އޭނާ ގައުމަށް ވަޑައިގަތުމާއެކު ތައި ރަސްގެފާނުވަނީ އޭނާގެ މައްޗަށް ކޯޓުން އިއްވާފައިވާ ހުކުމް ވަރަށް ބޮޑަށް ލުއިކޮށްދެއްވާފައެވެ. އެއް އަހަރު ޖަލުގައި ހުންނެވުމުން ތަކްސިން އެއްކޮށް މިނިވަންވެ ވަޑައިގަންނަވާ ގޮތަށެވެ.
ނަމަވެސް ތަކްސިންގެ ޕެއު ތައި ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަން ކުރައްވާ ސެއްތާގެ މަގާމު ދުސްތޫރީ ކޯޓުގެ ހުކުމަކާއެކު ގެއްލުމުން ތައިލެންޑްގެ ސިފައިންނާ އެ ޕާޓީއާ ދެމެދު އަނެއްކާވެސް ގުޅުންތައް ގޯސްވެގެން ދިޔުމުގެ އިތުރުން ދެ ފަރާތުގެ އިތުބާރުވެސް އަނެއްކާ ގެއްލިގެންދާނެކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ތައިލެންޑްގެ ސިޔާސީ މަސްރަހުން ވަރަށް ބޮޑަށް ފެނިގެންދާނެކަމަށް މުރާސިލުން ބުނެއެވެ.
ސެއްތާގެ ކެބިނެޓަށް އައްޔަންކުރި ޖަލު ހުކުމްއިއްވި ވަޒީރަކީ ޕީޗީތް ޗޫންބާން ނަމަކަށް ކިޔާ ބޭފުޅެކެވެ. އޭނާއަކީ ކުރިން ތަކްސިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުުޅުއްވާފައިވާ ތަކްސިންގެ އަރިސް ބޭފުޅެކެވެ.
ތައިލެންޑަކީ ޕާކިސްތާނެކޭ އެއްގޮތަށް އެ ގައުމުގެ ސިޔާސީ މަސްރަހަށް އަސްކަރިއްޔާ ވަރަށް ބޮޑަށް އަތްގަދަކޮށްފައިވާ ގައުމެކެވެ. މިގޮތަށް އަސްކަރިއްޔާ ވެރިކަމަށް އަތްގަދަކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި މިސްރާއި މިޔަންމާ އަދި ނައިޖީރިޔާ ހިމެނެއެވެ.