ތައިލެންޑުން ފަތުރުވެރިންނަށް ކްރިޕްޓޯ ކަރަންސީ ތައާރަފުކުރަނީ

ތައިލެންޑަށް އަހަރަކު 35 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރޭ --

ތައިލެންޑުން ފަތުރުވެރިންނަށް އަމާޒުކޮށްގެން ކްރިޕްޓޯ ފައިސާއިން މުޢާމަލާތްކުރެވޭނެ ގޮތް ތަޢާރަފުކުރަން މަސައްކަތް ފަށައިފިއެވެ.

މިކަން އެންމެ ފުރަތަމަ ތަޖުރިބާކުރާނީ ތައިލެންޑްގެ ވެރިރަށް ފުކެޓުގައެވެ.

ތައިލެންޑުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފައިނޭންސް މިނިސްޓަރު ޕިޗައި ޗުންހަވަޖިރާ ވިދާޅުވި ގޮތުގައި ފަތުރުވެރިންނަށް ފަސޭހަވާނެހެން އެ ޤައުމުގައި ކްރިޕްޓޯ ފައިސާއިން މުޢާމަލާތްކުރެވޭނެ ގޮތް ވަރަށް އަވަހަށް ތަޖުރިބާކުރަން ފަށާނެއެވެ.

މި ކަމަށް ފުކެޓު ހޮވި އެއް ސަބަބަކީ، 2023 ވަނަ އަހަރު އެ ތަނަށް 11 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ. މި ތަޖުރިބާގައި ބައިވެރިވާން އެދޭ ފަތުރުވެރިން އެންމެ ފުރަތަމަ ތައިލެންޑުގެ ރަޖިސްޓަރީކޮށްފައިވާ އެކްސްޗޭންޖެއްގައި އައިޑީ ވެރިފައިކުރަން ޖެހޭނެއެވެ.

މި ތަޖުރިބާ ކާމިޔާބުވެއްޖެނަމަ، ގިނަ މުޢާމަލާތްތަކެއް ކްރިޕްޓޯ ފައިސާއިން ކުރެވޭނެ ގޮތްވާނެ ކަމަށް ޗުންހަވަޖިރާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހިޖުރަކުރި މީހުންނަށް ބިޓްކޮއިންއިން ގެދޮރު ގަނެވޭނެއެވެ.

އެހެންނަމަވެސް، މި ތަޖުރިބާ ކުރިއަށްދާއިރު ތައިލެންޑުގެ މާލީ ޤާނޫނުތަކަށް ބަދަލެއް ނުގެންނާނެއެވެ. އަދި، 2022 ގައި އާންމު މުޢާމަލާތްތަކުގައި ކްރިޕްޓޯ ފައިސާ ބޭނުންކުރުން މަނާކުރި ޤާނޫނަށް ވެސް ބަދަލެއް ނާންނާނެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތައިލެންޑުގައި 13.2 މިލިއަން މީހުން ކްރިޕްޓޯ ފައިސާއަށް އިންވެސްޓްކުރެއެވެ. މިދިޔަ އޮކްޓޯބަރުގައި އިތުރު 117،000 ކްރިޕްޓޯ ޓްރޭޑިން އެކައުންޓް އުފެދުނެވެ.

ތައިލެންޑަކީ އޭޝިއާގެ އެންމެ މަޤުބޫލު ފަތުރުވެރި މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ. އަހަރަކު 35 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތްކުރެއެވެ.

އެ ޤައުމުގެ ޖީޑީޕީގެ 12 އިންސައްތައަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. އެހެންކަމުން ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އެކި އާ ކަންކަން ތަޢާރަފުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަބަދު ވެސް މަސައްކަތްކުރެއެވެ.

ކްރިޕްޓޯ ފައިސާއިން މުޢާމަލާތްކުރެވޭނެ ގޮތް ތަޢާރަފުކުރަން މަސައްކަތްކުރަނީ ވެސް މި މަސައްކަތުގެ ތެރެއިންނެވެ.

comment ކޮމެންޓް