ފަލަސްތީނުގައި ހުންނަ އަލް އަގްސާ މިސްކިތަށް އިސްރާއީލުން ވެދެގަނެ އެ މިސްކިތުގެ ހުރުމަތް ކެނޑުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުން ޔަހޫދީ ދީނުގެ އަޅުކަމުގެ ދުވަހެއް ފާހަގަކުރުމަށް އިއްޔެ އަގްސާ މިސްކިތަށް ވަދެގަތް މީހުންގެ ތެރޭގައި ދެ މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެއެވެ.
އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ މުސްލިމުންގެ އެންމެ މާތް އެއް ތަނުގެ ހުރުމަތް ކަނޑާލުން ކަމަށާއި ތަކުރާރުކޮށް އިސްރާއިލުން އެ މިސްކިތަށް ވަދުމަކީ އެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި، ފަލަސްތީނުގައި އިސްރާއިލުން ހިންގަމުންދާ ގަތުލުއާންމުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ގައުމުތަކަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިސްރާއިލުން އެ މިސްކިތަށް ވަދެފައި ވަނީ އެގައުމުގެ ސިފައިގެން ހިމާޔަތުގައެވެ. މީގެކުރިން ވެސް އެ މިސްކިތުގައި މުސްލިމުން ނަމާދުކުރުމަށް އިސްރާއިލުން ހުރަސްއަޅައެެވެ.
އެ މިސްކިތަށް އެހެން ދީންތަކުގެ މީހުން ޒިޔާރާތްކުރުމުގެ ހުއްދަ ދީފައި ވީނަމަވެސް، އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް 39،699 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 91،722 އަށް އުފުލިފައެވެ.