އާ ބިލާއެކު، ދުނިޔޭގެ ވާދަވެރި އިންވެސްޓްމެންޓް މާހައުލުން ޖާގަ ހޯދޭނެ: ސައީދު

ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ޒަމާނީކޮށް ރިފޯމްކުރުމަށް ގާނޫނެއް އެކުލަވާލައިފި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމެންޓް ބިލު ފާސްކުރުމުން، ދުނިޔޭގެ ވާދަވެރި މާހައުލުން ރާއްޖެއަށް ޖާގަ ހޯދުމަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އޮތް ފޮރިން އިންވެސްޓްމެންޓް ގާނޫނު އެކުލަވާލާފައިވަނީ 1979ގައި ކަމަށާއި އެ ގާނޫނަށް މިހާރު 45 އަހަރުވެފައިވާ ކަމަށެވެ. މިހާރު މަޖިލީހަށް ހުށަހާޅާފައިވާ ބިލަކީ އެ ގާނޫނާ އަޅައިބަލާއިރު ވަރަށް ޒަމާނީ ބިލެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އިންވެސްޓްމެންޓް ކުރިއެރުވުމަށާއި ރައްކާތެރިކުރުމަށް ބިލުން މަގުފަހިކޮށްދޭ ކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ޒަމާނީކޮށް އިސްލާހުކުރުމަށް ޑރ. މުހައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބޭނެ ކަމަށެވެ.

ފޮރިން އިންވެސްޓްމެންޓް ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގެވެ.

އެ ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ނަވާރަ ވަނަ މަޖިލީހަށް، އޭރުގެ ވެރިކަން ކުރާ އެމްޑީޕީން ވެސް ފޮރިން އިންވެސްޓްމެންޓް ބިލެއް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 28ގައި އެ ބިލް ވަނީ އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް