"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ އަލުން ބަލަން އަންގައިފި

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: "އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ އަލުން ބަލަން ހައިކޯޓުން ވަނީ އަންގައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާ ލިބޭ "މީހަކީ އިސްކުރު މަދު މީހެއް" ކަމަށް ބުނެ، މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލި މައްސަލައެއްގައި އެ މީހާގެ މެޑިކަލް އެގްޒަމިނޭޝަނާ މެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ މެޖިސްޓްރޭޓް ކޯޓެއްގައި އުފުލާފައިވަނިކޮށް، އެ މީހާއަކީ ދިފާއުގައި ވާހަކަދެއްކުމަށް ނުކުޅެދިގެންވާ މީހެއްކަމަށް ކަނޑައެޅުމާ ގުޅިގެން، އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި އެ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، މައްސަލަ އޮތް ހިސާބުން ކުރިޔަށް ގެންދިއުމަށް ދަށު ކޯޓަށް އެންގުމަށް އެދޭ ކަމަށެވެ.

ދައުވާ ލިބޭ މީހާއަށް ދައުވާގެ ބާވަތާއި މަގުސަދު ވިސްނައިގަތުމަށް ނުކުޅެދުމާއި، އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް ނުކުޅެދިއްޖެ ހާލަތުގައި އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ހުކުމް ކޮށްގެން ވެސް ނުވާނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައި އޮވެއެވެ.

ޖިންސީ ގޯނާގެ މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ މެޑިކަލް އެގްޒަމިނޭޝަން ރިޕޯޓެއްގައި ކޮންމެހެން ހުންނަންޖެހޭ މައުލޫމާތުތައް ހުށަހެޅުނު ރިޕޯޓުން ކަށަވަރުނުވާ ކަމަށާއި، އެ ކަން ހެކިވެރިޔާގެ ހެކިބަހުން ވެސް ކަށަވަރު ނުވާ ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައިވަނީ މެޖިސްޓްރޭޓް ކޯޓުގެ "ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން"އަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިފައެވެ. އަދި މި ނިންމުން ނިންމާތާ ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މެޑިކަލް އެގްޒަމިނޭޝަނަކީ ގާނޫނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ކަށަވަރުކޮށް، އެ ހިސާބުން ފެށިގެން މައްސަލަަ ކުރިޔަށް ގެންދިއުމަށް ހުކުމުގައިވެއެވެ.

comment ކޮމެންޓް