ތިން ފަރާތެއްގެ ޕީއެޗްޑީ ގަބޫލުކުރުމަށް އެމްކިއުއޭގެ މައްޗަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ހައި ކޯޓު: ޕީއެޗްޑީ ގަބޫލުކުރުމަށް އެމްކިއުއޭގެ މައްޗަށް ހުކުމްކޮށްފި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ ކޮލެޖަކުން ހިންގި ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނިންމި މައްސަލައިގައި، ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަންނަން ޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ދަރިވަރުންތަކެއް ފަށާފައިވަނީ އެކޯސް ގަބޫލުކުރާ ކަމަށް އެމްކިއުއޭއިން 2016 ވަނަ އަހަރު ނިންމުމުންވެ.

ނަމަވެސް 2018 ވަނަ އަހަރު އެމްކިއުއޭއިން ވަނީ އެކޯސް ގަބޫލުކުރުން ހުއްޓާލާފައެވެ.

އެމްކިއުއޭއިން އޭރު ބުނީ އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަމަށެވެ. ނަމަވެސް އެ މީހުންގެ ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު އެ ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި، ނަމަވެސް ދަރިވަރުންނަށް ލިބުނު ގެއްލުމަށް އެއޮތޯރިޓީން ޒިންމާ ވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އިއްޔެ ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން: ޕީއެޗްޑީ ގަބޫލުކުރުމަށް އެމްކިއުއޭގެ މައްޗަށް ހުކުމްކޮށްފި --

ތިން މީހެއްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އިއްޔެ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިނެވެ.

އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ޕިއެޗްޑީ ސަނަދެއް ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި ކުރިން ނިންމި ނިންމުން ބާތިލުކޮށް މައްސަލަ ހުށަހެޅި ތިން ފަރާތުގެ ޕީއެޗްޑީގެ ސަނަދު ގަބޫލުކުރުމަށް ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ހުކުމްކޮށްފައެވެ.

ކުރިން 2018 ވަނަ އަހަރުގެ ޖެނުއަރީ އާ ހަމައަށް ކޯހުގައި ކިޔަވަން ކުރި ޚަރަދާއި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެއެވެ.

އެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަކުގެ ފަރާތުން 23 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައިވާއިރު، ބާކީ ތިބި ދެ މީހުން ވަނީ 16 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް އެދިފައެވެ.

ނަމަވެސް އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުނުވާތީ އެ އަދަދަށް ފައިސާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.އިއްޔެ، ހައިކޯޓުގެ ހުކުމުގައި ފަނޑިޔާރުން އިއްތިފާގުވީ ވެސް އެގޮތަށެވެ. ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ނުފެންނަ ކަމަށާއި ޕީއެޗްޑީގެ ސަނަދު ގަބޫލުކުރުމަށެވެ.

މީގެ ކުރިން ކޮލިފިކޭޝަން އޮތޯރިޓީން ބުނެފައި ވަނީ އެ ކޯސް ގަބޫލުކުރާކަން 2016 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވަނީ ބަލަންޖެހޭ މިންވަރަށް ކަންކަން ބެލުމެއް ނެތި ކަމަށާއި، އެތަނަކީ އޭރު ފިލިޕީންސްގެ ސަރުކާރުން ވެސް ގަބޫލު ނުކުރާ ކޯހެއް ކަމަށް އެމްކިއުއޭއިން ބުނެފައިވެއެވެ.

comment ކޮމެންޓް