ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކަށް ކުޅެމުންދިޔަ ނެދަލަންޑްސްގެ މަތިއެސް ޑި ލިޓް އާއި މޮރޮކޯގެ ނުސައިރު މަޒްރާއީ އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މި ދެ ކުޅުންތެރިން ގެންދިއުމަށްޓަކައި ޔުނައިޓެޑުން ވަނީ 60 މިލިއަން ޕައުންޑާ ގާތް ކުރާ އަދަދެއް ހޭދަކޮށްފައެވެ. ޑި ލިޓް ވަނީ ޔުނައިޓެޑާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި މަޒްރާއީ ޔުނައިޓެޑައި ގުޅިފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޔުނައިޓެޑުން މި ދެ ކުޅުންތެރިން ގެންގޮސްފައިވަނީ ޓީމަށް ދިމާވެފައިވާއަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. މިގޮތުން ލޫކް ޝޯ އާއި އެ ޓީމާ އަލަށް ގުޅުނު ޒުވާން ޑިފެންޑާ ލެނީ ޔޯރޯއަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި އާރޮން ވެން ބިސާކާ ވަނީ ވެސްޓް ހާމް ޔުނައިޓެޑަށް ބަދަލުވެފައެވެ.
މަޒްރާއީއަކީ ލޫކް ޝޯގެ މަގާމަށް ފުރިހަމައަށް ފެތޭނެ ކުޅުންތެރިއެއް ކަމުން މި އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުން ގާތްކަމަށްވެއެވެ. އުމުރުން 25 އަހަރުގެ ޑެ ލިޓް ހޯދުމަށް ޔުނައިޓެޑުން ވަނީ ބަޔާންއަށް 38.5 މިލިއަން ޕައުންޑް ދިނުމަށް އެއްބަސްވެފައެވެ. އަދި މީގެ އިތުރުން އިތުރު ބައިތަކުގެ ތެރެއިން 4.3 މިލިއަން ޕައުންޑް ދިނުމަށް ވެސް ދެ ކްލަބްގެ މެދުގައި އެއްބަސްވެވިފައިވެއެވެ.
ޑެ ލިޓް ވަނީ ޔުނައިޓެޑްގެ މިހާރުގެ ކޯޗް އެރިކް ޓެން ހާގު ނެދަލަންޑްސްގެ އަޔެކްސް އެމްސްޓަޑަމްއަށް ކޯޗު ކޮށްދިން އިރު އޭނާގެ ލަފާގެ ދަށުން ކުޅެފައެވެ. އަދި 2019 ވަނަ އަހަރު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލާ ހަމައަށް ޓެން ހާގުގެ ކޯޗު ކަމުގެ ދަށުން އަޔެކްސް ދަތުރު ކުރިއިރު ޑެ ލިޓް އަކީ އެ ޓީމުގެ ކެޕްޓަންއެވެ. ޑެ ލިޓްގެ އިތުރުން މަޒްރާއީ ވެސް ވަނީ ޓެން ހާގުގެ ބެލުމުގެ ދަށުން އަޔެކްސްގައި ކުޅެފައެވެ.
ޑެ ލިޓު ހާމަކުރިގޮތުގައި އޭނާގެ ކެރިއާގެ ކުރީކޮޅު ބައްޓަން ކުރި ކޯޗަކީ ޓެން ހާގް ކަމަށާއި އެހެން ކަމުން އޭނާގެ މޮޅު ކުޅުން ދެއްކޭނެ ގޮތް އެންމެ ރަނގަޅަށް އެނގޭ އެއް ކޯޗަކީ ޓެން ހާގު ކަމަށެވެ. އެހެން ކަމުން ޓެން ހާގުގެ ދަށުން އަލުން ކުޅުމަށް ކެތް މަދުވެފައިވާކަމަށް ޑެ ލިޓް ހާމަކުރިއެވެ.
މަޒްރާއީ ހާމަކުރިގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ދުވަސް ވަރާ ދިމާކޮށް އަލުން ޓެން ހާގުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.