ކުޅިވަރުގެ ދާއިރާއިން ފަށާފައި ހުރި މަޝްރޫއުތަކުގެ އަގު އެއްކޮށްލީމާ ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު ކަމަށް ވިދާޅުވެ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖާވާބުދެއްވައެވެ.
ރާފިއު ވިދާޅުވީ ނިންމަން ވަރަށް ބައިވަރު މަޝްރޫއުތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް، ބަޖެޓުގެ ދަތިކަން އެބަހުރި ކަމަށާއި މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތައް އެއްކޮށްލުމުން ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އޮތް ގޮންޖެހުން ވަރަށް ބޮޑު. ވަރަށް ބައިވަރު ޕްރޮޖެކްޓްތަކެއް އެބަހުރި، އަޅުގަނޑު މީގެކުރިން ވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
އެހެންކަމުން މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނީ އެ ރަށަކުން ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ކައުންސިލްތަކާ ވާހަކަދައްކައިގެން އެކަން އެގޮތަށް ކުރިއަށްގެންދަން ނިންމާފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި، އުންމީދަކީ ތިންވަނަ ނޫނީ ހަތަރުވަނަ ކުއާޓަރުގައި ގިނަ ޕްރޮޖެކްޓުތައް އިއުލާނުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މިނިސްޓަރު ވަނީ މަޝްރޫއުތަކަށް އެކަށީގެންވާ އަގުތައް ބަޖެޓުގައި ހިމަނާފައިނުވާ ކަމަށް ވިދާޅުވެފައެވެ. ބައެއް މަޝްރޫއުތަކަށް ކުޑަ ފައިސާކޮޅެއް ހިމަނާފައިވާއިރު ބައެއް މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކޮށް ވެސް ބަޖެޓުކޮށްފައުވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު މަޖިލީހަށް ހާޒިރުވެ، އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަންޖެހޭ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އަހަރުގެ ބަޖެޓުގައި ޖަހާފައިހުރީ ލައްކައިން ކަމަށާއި މަޝްރޫއުތައް ދިގުލަނީ އެހެންވެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.