ވިއްސާރައިގެ ގެއްލުން ހައްލު ކުރަން ރައީސް އިސްވެހުންނަވައި ޓާސްކް ފޯހެއް

ރައީސް ޑރ. މުޙައްމަދު މުއިއްޒު:ވިއްސާރައިގެ ގެއްލުން ހައްލު ކުރަން ރައީސް އިސްވެހުންނަވައި ޓާސްކް ފޯހެއް -- ފޮޓޯ/ ރައީސް އޮފީސް

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމަނު ހީނާ ވަލީދު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސް ހާއްސަ ޓާސްކް ފޯހެއް އުފައްދަވައިފައި ވާކަމަށެވެ.

މި ޓާސްކްފޯސް ޗެއާ ކުރެއްވީ ރައީސް މުއިއްޒެވެ. ޓަސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި:

  1. މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓާ އޮފް ޑިފެންސް
  2. ޢަލީ އިހްސާން - މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
  3. ޑރ. އިސްމާއިލް ޝަފީއު - މިނިސްޓާ އޮފް އެޑިޔުކޭޝަން
  4. ޑރ. އަބްދުﷲ ޚަލީލު – މިނިސްޓާ އޮފް ހެލްތް
  5. ޠާރިޤް އިބްރާހީމް - މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
  6. އާދަމް ޝަރީފް އުމަރު - މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް
  7. އަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
  8. ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ
  9. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

ބޯކޮށް ވެހުނު ވާރޭގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގެއްލުން ލިބިފައިވާއިރު މާލެއިން އެކަނި ވެސް 230އަށްވުރެ ގިނަ ގެއިން ފެން ބޮޑުވެގެން ރިޕޯޓުކުރިކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު:ވިއްސާރައިގެ ގެއްލުން ހައްލު ކުރަން ރައީސް އިސްވެހުންނަވައި ޓާސްކް ފޯހެއް -- ފޮޓޯ/ ރައީސް އޮފީސް

މި ތިން ދުވަސް ތެރޭގައި ރާއްޖެއަށް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާއިރު، އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އާންމު ވައި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލައި 27 މޭލާ ދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ހިފަހައްޓާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

އެހެންކަމުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް