މިހާރު އަމާޒަކީ ކޮންމެ ހަފުތާއަކު މަސްވެރިންނަށް ފައިސާ ދިނުން: މިނިސްޓްރީ

މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓު ސަރަހައްދުގައި ދޯނިތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމާޒަކީ ކޮންމެ ހަފުތާއަކު މަސްވެރިންނަށް ފައިސާ ދިނުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިފަދައިން ވިދާޅުވީ އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި މަސްވެރިންނާ ގުޅޭ އިންތިޒާމުތައް ހަމަޖެހެމުންދާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

ޝިފާޒް ވިދާޅުވީ ކުރިން ހުރިގޮތަށް މިފްކޯއިން މިހާރު ބެކްލޮގުގައި ފައިސާއެއް ނުބަހައްޓާނެ ކަމަށާއި މިހާރުގެ ޓާގެޓާކީ ކޮންމެ ހަފްތާއަކު ފައިސާ ދިނުން ކަމަށެވެ.

އަދި މަހުގެ އަގު މިހާރު ހުރިގޮތުން ކޮންމެ ހަފްތާއަކު ފައިސާ ދިނުމަށް މިފްކޯއަށް ދަތި ނުވާނެ ކަމަށާއި މިފްކޯއަށް އެންމެ ބޮޑު ދައްޗެއް ދިމާވީ މިފަހުން މަސްވެރިކަން ދައްވުމުން ކަމަށެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ދެމަސްދުވަހު މަސްވެރިކަން ދައްވުމުން އެއްވަރަކަށް މަސް ގަންނަން ނުލިބޭ ދުވަސްތައް ވެސް ދިމާވި ކަމަށެވެ.

"މި ދެމަހެއްހާ ދުވަހު ބައެއް ދުވަސްދުވަހު 10 ޓަނު 20 ޓަނު މަސް ލިބިފައިވެސް ހިނގައްޖެ. އަދި އެއަށްވުރެ ވެސް މަދުން މަސް ލިބޭ ދުވަސް ވެސް އެބަދޭ. މިކަމުން އަސްލު މިފްކޯގެ އޮޕަރޭޝަނަށް ވަރަށް ބޮޑު ހީނަރުކަމެއް އައި." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިހާރު މަސްވެރިކަން ވެސް ރަނގަޅުވެ މިފްކޯގެ ބައެއް ޝިޕްމެންޓްތައް ވެސް ބޭރުކުރެވުމުން ފައިސާގެ މައްސަލަ އެއްކޮށް ހައްލުވެފައި ވާކަމަށެވެ. އަދި ހަފުތާއަކުން ފައިސާ ދެވޭނެ ކަމުގެ ޔަގީންކަން މިފްކޯއިން މިނިސްޓްރީއަށް ދީފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޓާގެޓަކީ ކޮންމެ ހަފުތާއަކުން މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ފައިސާ 48ގަޑިއިރު ތެރޭ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް، މީގެ ކުރިން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މިފްކޯއަށް މިވަގުތު މަސްވެރިންގެ ފައިސާ ދެވެން އޮތީ ދެހަފުތާ ތެރޭ ކަމަށެވެ.

comment ކޮމެންޓް