1000ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު އިހަވަންދޫގައި ގާއިމްކުރާ ފިޝަރީސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އިހަވަންދޫގެ ފިޝަރީސް ކޮމްޕްލެކްސްގެ ބިންގާ އެޅުން --- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިންނަށް ގިނަ ފަސޭހަތައް ލިބޭހެން ހއ. އިހަވަންދޫގައި ގާއިމުކުރާ ފިޝަރީސް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ.

އެކަމަށް ޚާއްސަކޮށް މިއަދު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހްގެ އިތުރުން މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވްއެވެ.

މި މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާއިރު، މި ކޮމްޕްލެކްސްގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެއެވެ.

ސަތޭކަ ތިރީސް މީޓަރުގެ މަގަތު ފަލާމަކާއި ތިން ސަރަހައްދަކުން މަސްކިރޭ ޖެޓީއަކާއި 3.5 މީޓަރު ފުން މިނުގެ ބަނދަރެއް މި ކޮޕްލެސްކްގައި ގާއިމުކުރާއިރު، 150 ވަޒީފާގެ ފުރުސަތު މި މަޝްރޫއުގެ ސަބަބުން ފަހިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، މިކޮމްޕެލްކްސްގައި އޮފީސް އިމާރާތަކާއި އިންޖީނުގެއެއް ހެދުމަށް ވަނީ ނިންމާފައެވެ.

އިހަވަންދޫގައި ފިޝަރީސް ކޮމްޕްލެސްގެ ބިންގާ އެޅުމުގެ ރަސްމިއްޔަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މި މަޝްރޫއާ ގުޅުވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި މަޝްރޫއަށް އިހަވަންދޫގެ ރައްޔިތުން އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ހއ. އަތޮޅުގެ މަސްވެރިންނަށް މި މަޝްރޫއާއެކު ގިނަ ލުއިތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން، އެ ސަރަހައްދުގެ މަސްވެރިން މަސް ކިރަން މިހާރު ދާންޖެހެނީ ފެލިވަރަށް ކަމަށާއި އެއީ މަސްވެރިންގެ އަތުން ދާ ވަރަށް ބޮޑު ހޭދައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް ބޮޑު އެއްޗެއް މަސްވެރިންނަށް ސޭވްވެގެންދާނެ. އޭގެ މާނައަކީ މަސްވެރިންގެ ޖީބަށް ލާނެ ފައިސާ އިތުރުވެގެންދާނެ. އަދި، މި ކޮމްޕްލެކްސްއާ އެކީގައި ވަރަށް ގިނަ ވަޒީފާތަކެއް ވެސް މި ތަނުގައި އިތުވެގެންދޭ" މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. ސަރުކާރުގެ އަމާޒަކީ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ރާއްޖޭގައި ގާއިމް ކުރުމެވެ.

comment ކޮމެންޓް