މެދު ރާއްޖެތެރެއަށް ނެރުނު އޮރެންޖު އެލާޓް، ރީނދޫ އެލާޓަކަށް ދަށްކޮށްފި

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: މާލޭ ސަރަހައްދަށް ވަނީ ރީނދޫ އެލާޓް ނެރެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު 14:15ގައި މެދު ރާއްޖެތެރެއަށް ނެރުނު އޮރެންޖު އެލާޓް، ރީނދޫ އެލާޓަކަށް ދަށްކޮށްފިއެވެ.

މެޓް އޮފީހުން އޮރެންޖު އެލާޓް ނެރުނީ، ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މި އެލާޓް ނެރުނީ، މިރޭ 18:15އާ ހަމައަށެވެ.

ނަމަވެސް، މިހާރު މެޓުން ވަނީ މި އެލާޓު ރީނދޫ އެލާޓަކަށް ދަށްކޮށްފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައި ވަނީ، 17:00 އިން 21:00އާ ހަމައަށެވެ.

މެޓުން ބުނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދަށް ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، މި ސަރަހައްދަށް ކަނޑުތައް ވެސް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، މެޓު އޮފީހުން ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މިވަގުތު، ރައްޖޭގެ ދެކުނުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މި ސަހަރައްދުގެ ވެސް ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މިވަގުތު މާލެއަށް ބޯކޮށް ވާރޭވެހޭއިރު، މަގުތަކުގައި ފެންބޮޑުވެ ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ތިން ދުވަސް ތެރޭގައި ރާއްޖެއަށް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާއިރު، އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މެޓް އޮފީހުން މީގެ ކުރިން ބުނެފައި ވާގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރަމުން މިދަނީ މިދިޔަ މެއި މަހު ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

comment ކޮމެންޓް