ފެން ހިންދަނީ ފަޔާ އެންޑް ރެސްކިއުގެ ހުރިހާ ޕަމްޕްތަކެއް ނެރެގެން

މާލޭގެ މަގުތަކުން ފެން ހިންދުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހުރިހާ ޕަމްޕެއް ބޭނުން ކުރަން ފަށައިފި -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މާލޭގެ މަގުތަކުން ފެން ހިންދުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހުރިހާ ޕަމްޕެއް ބޭނުންކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

ފެން ހިންދުމުގެ މަސައްކަތަށް ނުކުމެވަޑައިގެން ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމުރުފުޅަށް، ވިއްސާރައިގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކޮށްދެވޭތޯ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަލިފާން ނިއްވުމަށް ބޭނުންކުރަމުންދާ ހުރިހާ ޕަމްޕެއް، މާލޭގެ މަގުތަކުން ފެންހިންދުމަށް ނެރެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީނީ މަގުގައި ފެންބޮޑުވެފައި: ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން -- ސަން ފޮޓޯ

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް އިތުރު ޕަމްޕުތަކެއް ގެނައުމަށް ސަރުކާރުންވަނީ މީގެ ކުރިން ވެސް ނިންމައިފައެވެ. މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހައި ދުވަސްތެރޭގައި ބޮޑު ދެ ޕަމްޕު ލިބޭނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަކީ ވަރަށް ކެތްތެރި، ސަރުކާރާ އެއްކޮށް އަބަދު ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ރައްޔިތެއް. ހަމަ އެ ގޮތަށް ދިވެހި ރައްޔިތުން ގަބޫލުފުޅުކުރައްވާ ގުދުރަތީ ގޮތުން މި ދިމާވާ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތްކަން. އިންޝާ ﷲ ކާމިޔާބުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ، ދިވެހި ސިފައިން ނުކުމެ ތިބީ ރައްޔިތުންނަށްޓަކައި ޖެހުނު ކަމެއް ވެސް އިޚްލާސްތެރިކަމާ އެކު ކުރުމަށް ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހަށް ވެސް މާލެގެ މަގުތަކުން ފެންހިންދިމުގެ މަސައްކަތަށް ސިފައިން ތައްޔާރަށް ތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://www.sun.mv/195449

މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެ ގޮތުން، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް ފުލުހުން ވެސް އޮތީ އެދިފައެެވެ.

ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި ނޫނީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދު ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް 14:15އިން 18:15އަށް އޮރެންޖް ސަމާލެއް ވެސް ވަނީ ނެރެފައެވެ. އެ ވަގުތުތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް