މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރަކުރައިގައި މިހާތަނަށް 70 ގެއަކަށް ފެންވަދެގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެން ވަދެފައިވާ ގެތަކުން ފެން ހިންދާ، ގެތަކުގެ ބޭރުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، މިހާތަނަށް 70 ގެއަކަށް ފެން ވަދެގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެންޑީއެމްއޭއާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި، އެމްއެންޑީއެފްގެ އިތުރުން ސްޓެލްކޯ އަދި އެމްޓީސީސީން ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ.
މާލޭގެ އިތުރުން އަތޮޅުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ދިމާވެދާނެ ބޮޑު ގެއްލުމަށް އެ އޮތޯރިޓީން މިހާރު ވެސް އޮތީ ތައްޔާރަށް ކަމަށް އޭނާ މައުލޫމާދުދެއްވިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، އެމްއެންޑީއެފްގެ ރެސްކިއު ޓީމެއް މިހާރު ހއ. އަތޮޅަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން ހަ ގެއަކަށް ފެންވަނުމުގެ ސަބަބުން އެ ހަ އާއިލާ ރައްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން އަަންނަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވެ ވިއްސާރަކުރަމުންދާތީ އެކަމަށް ރައްކާތެރިވުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ވެސް ކިޔައިދީ ސަމާލުވުމަށް އަންގާފައެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދުގެ 13:00އިން ފެށިގެން 17:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށީގެން އދ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
އަދި، ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައި ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ވެސް ކުރުން އެކަށީގެންވާތީ، ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ވަނީ މި ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ މާލެއަށް ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިރޭ ވެސް ވިއްސާރަކުރާނެއެވެ. އެހެންވެ، އަވަހަށް ވިއްސާރަ ހުއްޓައިލަފާނެ ކަމަށް ނުބެލެވެއެވެ.