ހއ. ހޯރަފުށިގައި ގާއިމްކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އެ ހާފްވޭ ހައުސް ހުޅުވައްވައިދެއްވީ، ހއ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބޭތިއްބުމަށް ހަދައިފައިވާ ތަނެކެވެ.
ހޯރަފުށީގައި ހާފްވޭ ހައުސް އަޅަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.
ހޯމް މިނިސްޓްރީން ބުނީ، އެ ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓްކަމަށާއި އެ ތަން ބަލަހައްޓާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)އިން ކަމަށެވެ.
ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެކަން ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީން ބުނީ، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި، ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމަކަށްވުމުން ދިރާސާ ހެދުމުގެ މަސައްކަތްވެސް ޑީޖޭޖޭއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފަށާނީ ފަންޑް ހަމަޖެހުމުން ކަމަށާއި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލާނީ ފޮނި ނަތީޖާއާއެކުގައި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.