ނިއުޒީލެންޑުގެ މިސްކިތްތަކަށް ހަމަލާދިން މީހާގެ އިސްތިއުނާފު ކޯޓުން ބޭރުކޮށްލައިފި

ޓެރަރިސްޓު ހަމަލާގައި 51 މީހުން ޝަހީދުކޮށްލި ބްރެންޓަން ޓެރަންޓް---

2019 ވަނަ އަހަރު ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާގައި 51 މީހުން ޝަހީދުކޮށްލި ބްރެންޓަން ޓެރަންޓް، އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ކޯޓް އޮފް އެޕީލްއިން ވަނީ ބޭރުކޮށްލާފައެވެ. ކޯޓުން ނިންމީ އޭނާ ކުށަށް އިއުތިރާފުވީ މަޖުބޫރުކަމެއް ނެތި ކަމަށާއި، ދިފާއުގައި ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. މި ނިންމުމާއެކު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ދެމިއޮންނާނެކަން ވަނީ ކަށަވަރުވެފައެވެ.

  • ނިއުޒީލެންޑުގެ ކޯޓް އޮފް އެޕީލްއިން ބްރެންޓަން ޓެރަންޓްގެ އިސްތިއުނާފު މައްސަލަ ބޭރުކޮށްލުން
  • ޓެރަންޓް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ މުއްދަތު ހަމަވިތާ 505 ދުވަސް ފަހުން ކަމަށްވުން
  • ޖަލުގައި ލާއިންސާނީ އަމަލުތަކެއް ހިންގިކަމަށް ބުނެ ދެއްކި ވާހަކަތަކަށް ކޯޓުން ބާރެއް ނުދިނުން
  • އޭނާ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށް ފަނޑިޔާރުން ކަނޑައެޅުން
  • މައްސަލަ އަނބުރާ ގެންދަން މަސައްކަތްކުރި ނަމަވެސް އާންމު މަސްލަހަތަށްޓަކައި އެ ފުރުސަތު ނުދިނުން

ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް 2019 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި 51 މީހުން ޝަހީދުކޮށްލި ބްރެންޓަން ޓެރަންޓް، އޭނާގެ މައްޗަށް އިއްވާފައިވާ ކުށުގެ ދައުވާތަކާއި ހުކުމް ބާތިލުކުރުމަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ނިއުޒީލެންޑުގެ ކޯޓް އޮފް އެޕީލްއިން މިއަދު ބޭރުކޮށްލައިފިއެވެ.

އުމުރުން 35 އަހަރުގެ ޓެރަންޓް މިހާރު ތަންފީޒުކުރަމުން ދަނީ، މައާފު ނުކުރެވޭ ގޮތަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ މި ހުކުމް ތަންފީޒުކުރަމުން ދަނީ މާރިޗު 2019 ގައި ދިން ހަމަލާގައި މީހުން މެރުމާއި އިތުރު 40 މީހަކު މަރާލަން އުޅުމުގެ ކުށަށް އިއުތިރާފުވުމާ ގުޅިގެންނެވެ.

https://www.sun.mv/133786

ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނިންމަވައި، މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ. މި މައްސަލަ އޭނާ ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ މުއްދަތު ހަމަވިތާ 505 ދުވަސް ފަހުންކަންވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އިސްތިއުނާފު އަޑުއެހުންތަކުގައި ޓެރަންޓްގެ ފަރާތުން ވަނީ، އޭނާ ކުށަށް އިއުތިރާފުވީ އޯކްލޭންޑް ޖަލުގައި އޭނާއާ މެދު އަމަލުކުރަމުންދިޔަ "ލާއިންސާނީ އަދި އަނިޔާވެރި" ގޮތްތަކުގެ ސަބަބުން ސިކުނޑީގެ ހަމަޖެހުން ގެއްލިފައިވާ ހާލަތެއްގައި ކަމަށް ބުނެފައެވެ.

ނަމަވެސް، ޖަސްޓިސް ކްރިސްޓީން ފްރެންޗް، ސޫޒަން ތޯމަސް އަދި ޑޭވިޑް ކޮލިންސް ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ އޭނާގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ޓެރަންޓްގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުއްޓެވެ. އަދި ޖަލުގެ ރެކޯޑުތަކާއި ނަފްސާނީ ސިއްހަތުގެ ރިޕޯޓުތަކުން އޭނާގެ ވާހަކަތަކަށް ބާރުނުލިބޭ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ކޯޓުން ވަނީ، އޭނާ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް އޮވެގެން ނޫންކަމަށް ކަނޑައަޅާފައެވެ.

ފަނޑިޔާރުން އިތުރަށް ވިދާޅުވީ ޓެރަންޓް ކޮށްފައިވާ ކުށްތަކުގެ ހަގީގަތާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، ގާނޫނީ ގޮތުން ބަލައިގަނެވޭނެ އެއްވެސް ދިފާއެއް އޭނާއަށް ހުށަހެޅިފައި ނުވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފެބްރުއަރީ މަހުގެ އަޑުއެހުންތަކަށްފަހު އޭނާ ވަނީ މައްސަލަ އަނބުރާ ގެންދިއުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް މިއީ އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވާތީ ކޯޓުން ވަނީ އެ ފުރުސަތު ނުދީ މައްސަލަ ނިންމާފައެވެ.

މި ހަމަލާގައި ޝަހީދުވި ހުސައިން އަލް-އުމަރީގެ ކޮއްކޮ، އާޔާ އަލް އުމަރީ ވަނީ ކޯޓުގެ ނިންމުމާ ގުޅިގެން ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އާޔާ ބުނީ ކޯޓުގެ ނިންމުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި، އަނެއްކާވެސް އިންސާފު ގާއިމުވަމުންދާތަން ފެނިއްޖެ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އިސްތިއުނާފު ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ނެތްކަމުގެ ޔަގީންކަން ކުރިންވެސް އޮތް ކަމަށާއި، މިއަދުގެ ނިންމުމުން އެކަން ކަށަވަރުވެއްޖެ ކަމަށެވެ. އަދި މިފަދަ އަޑުއެހުންތަކުގެ ސަބަބުން އާއިލާތަކަށް އަނެއްކާވެސް ހިތްދަތިކަމާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް މިއަދުގެ ނިންމުމާއެކު ރަނގަޅު އިޖުރާއަތްތަކެއް ހިނގަމުންދާކަމުގެ ޔަގީންކަން ލިބިއްޖެކަމަށް އޭނާ ފާހަގަކުރިއެވެ.

އަލް ނޫރު މިސްކިތާއި ލިންވުޑް އިސްލާމިކް ސެންޓަރަށް ދިން މި ރަހުމްކުޑަ ހަމަލާގެ ބައެއް މަންޒަރުތައް ޓެރަންޓް ވަނީ އިންޓަނެޓުގައި ލައިވް ސްޓްރީމްކޮށްފައެވެ. ހަމަލާ ދިނުމުގެ ކުރިން އޭނާ ވަނީ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ 74 ސަފުހާގެ މެނިފެސްޓޯއެއްވެސް އާންމުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ނިއުޒީލެންޑުގެ ހަތިޔާރު ގެންގުޅުމުގެ ގާނޫނުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ހަމަލާ ދިންތާ މަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ އަސްކަރީ ފެންވަރުގެ ސެމީ އޮޓޮމެޓިކް ހަތިޔާރުތައް މަނާކުރުމަށް ފާސްކޮށްފައެވެ. މީގެ އިތުރުން، މަނާކުރެވުނު ހަތިޔާރުތައް ސަރުކާރަށް ވިއްކާލުމުގެ ފުރުސަތުވެސް އާންމުންނަށް ހުޅުވާލިއެވެ.

އޮސްޓްރޭލިއާއަށް އުފަން ޓެރަންޓް ނިއުޒީލެންޑަށް ބަދަލުވީ 2017 ވަނަ އަހަރެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ހަމަލާދިނުމުގެ ރޭވުންތައް އޭނާ ފެށީ އެ ހިސާބުންނެވެ. ކޯޓުގެ މި ނިންމުމާއެކު، ޓެރަންޓްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ދެމިއޮންނާނެކަން މިވަނީ ކަށަވަރުވެފައެވެ.

comment ކޮމެންޓް