ހުނަރުވެރި ދިވެހީންގެ ހިޖުރަ: ދިވެހި ޤައުމަށް ގެއްލޭ "ރަންމުތް" ތަކެއް

ނިއުޒިލޭންޑްގެ ޔުނިވާސިޓީއަކުން ބަޔަކު ނުކުންނަނީ: މިއީ ވަރަށް ރަނގަޅު އުސޫލަކުން ހިންގާ ގައުމެއް--

ނިއުޒީލެންޑަށް މިއީ ޚަރީފް މޫސުމުގެ ފެށުމެވެ. ގަސްތަކުގެ ފަތްތައް އޭގެ ވާޖިބު އަދާކުރުމަށް ފަހު، ގަސްތަކަށް އަލްވަދާއު ކިޔުމަށް ފަހު އޭގެ ފަހު މަންޒިލަށް ފައިބާ މޫސުމެވެ. ހިތަށް ފިނިކަން ލިއްބައިދޭ ހިތްގައިމު ހާމަ މައިދާންތަކުގެ ތެރޭގައި ހިނގަމުން ދިޔައިރު، ރަތްކުލައަށް ބަދަލުވަމުންދާ މޭޕަލް ފަތްތައް މަޑުމަޑުން ބިމަށް ފައިބަމުން ދިޔައެވެ. ހިތަށް ގެނެވުނީ ހިންދީ ފިލްމު "މޮހައްބަތޭން" ގައި ޝާހުރުކްޚާން އެ ފަދަ މާހައުލެއްގައި ހިނގާފައި ދިޔަ މަންޒަރެވެ. ކަޅި އެއްލާ ކޮންމެ ދިމާޔަކުން ފެންނަނީ ފެހިކުލައިގެ ވިނަ ދަނޑުތަކާއި ރަތްކުލަ އަރަމުންދާ ހިތްގައިމު ގަސްތަކެވެ. ސާފު އުޑުމައްޗެވެ. ތިރިތިރިކޮށް އަޅާފައިވާ ހިތްގައިމު ގެތަކެވެ. ސާފުތާހިރު މަގުތަކެވެ. ދުރުން ފެންނަ ސާފު ދަނޑުތަކުގެ މަތީގައި މިނިވަންކަމާއެކު ގެރިތަކާއި ކަންބަޅިތައް ވިނަކާން ތިބިތަނެވެ.

އެއީ ނިއުޒީލަންޑްގެ ފަޚުރެކެވެ. އެންމެ ތާޒާ ގެރިމަހާއި އެންމެ ފެންވަރު ރަނގަޅު ކިރު ފޯރުކޮށްދޭ ޤައުމަށް ވީތީއެވެ. ބައްދަލުވާ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. ބީރައްޓެހިކަމެއް ނެތި ސާލާންގޮވާލައެވެ. މި އުފާވެރި މަންޒަރުތައް ފެނިފައި، މިއީ ނިއުމަތުން ފުރިގެންވާ ޤައުމެކޭ ހިތަށް އެރިއެވެ. އެކަން ޔަޤީންކުރެވުނެވެ. ތަޖުރިބާވެސް ކުރެވުނެވެ.

ހަމަ އެ ހިނދު އަޅުގަނޑުގެ ޚިޔާލަށް އައީ އަޅުގަނޑު އެންމެ ލޯބިވާ ދިވެހިރާއްޖެއެވެ. ގުދުރަތީ ރީތިކަމަށް ބަލާއިރު، ރާއްޖޭގެ މާހައުލާއި މަންޒަރުތައް އެހާމެ ފުރިހަމައެވެ. އެކަމަކު ސުވާލު އުފެދުނެވެ. އެ ރީތިކަމުގެ ތެރޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަކީ ނިއުޒީލެންޑުގެ ރައްޔިތުން ފަދައިން ހިތްހަމަޖެހުމާއި އުފަލުގައި އުޅޭ ބައެއް ހެއްޔެވެ؟ ހިތަށް ވަސްވާސް ވަނެވެ. މި ޝައްކު ފިލުވާލުމަށް އިންތިޒާރުގައި ހުއްޓައި މި ޤައުމުގައި ދިރިއުޅޭ ބައެއް ދިވެހީންނާ ބައްދަލުކޮށް ޚިޔާލު ބަދަލުކޮށްލުމަށް ފުރުސަތު ލިބުނެވެ. ގިނައީ ނަމުގެ ކުރިއަށް ޑޮކްޓަރުގެ ލަގަބު ލިބިފައިވާ މީހުންނެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ މާހިރުންނެވެ. ލޯޔަރުންނެވެ. ޔުނިވާސިޓީ ލެކްޗަރަރުންނެވެ. އެކި ފަންތީގެ ޢިލްމީ ޤާބިލް ދިވެހީންނާއި އެމީހުންގެ ޢާއިލާތަކެވެ.

ނިއުޒީލަންޑުން އަޅުގަނޑާ ބައްދަލުވި ގިނަ ދިވެހިންނަކީ ޢިލްމީ ގޮތުން ފުންނާބު އުސް، ރާއްޖެއަށް އިންތިހާއަށް ބޭނުންތެރި "ސިކުނޑިތަކެވެ". އުފަން ބިމާ ވައިގެ މަގުން ބާރަ ގަޑިއެއްހާއިރުގެ ދުރު ރާސްތާއެއްގައި، އެމީހުން ހިޖުރަކޮށްގެން، ދެން އެނބުރި އުފަން ޤައުމަށް ދާނެކަމުގެ ޔަޤީންކަން ނުދެވޭ ހާލަތުގައި އެތިބީ ކީއްވެގެން ހެއްޔެވެ؟ އޭގެ ތެރޭގައި ނިއުޒީލަންޑުގައި ދިރިއުޅޭތާ ތިރީސް އަހަރާ ގާތްވެފައިވާ މީހުން ވެސް ތިއްބެވެ. އަދި އަލަށް ހިޖުރަކޮށްގެން އުޅޭ މީހުން ވެސް ތިއްބެވެ. އެމީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، ރާއްޖޭގެ މާހައުލު ކިތަންމެ ރީތިވެފައި ފުރިހަމަ ނަމަވެސް، ބައްދަލުވި ގިނަ މީހުން، ނިއުޒީލަންޑުން ހޯދަނީ ރާއްޖެއިން ނުލިބުނު އިންސާފާއި ހަމަހަމަކަމާއި، ހަރުދަނާ ނިޒާމެއްގެ ތެރޭގައި ރައްކާތެރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ އުފަލެވެ.

ނިއުޒީލެންޑުގެ ހަރުދަނާ ސިޔާސަތުތަކާއި ރާއްޖޭގެ ހާލަތު: ތަފާތު ދެ މިސާލެއް

ނިއުޒީލެންޑުގައި ދިރިއުޅޭ ބައެއް ދިވެހިންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި، އެމީހުން އެންމެ ބޮޑަށް އަޅާބަލަނީ ދައުލަތުން ރައްޔިތުންނަށް ދޭ އަހައްމިއްޔަތާއި، ކަންކަން ނިންމުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކެވެ.

ނިއުޒީލެންޑުގައި ސިވިލް ސަރވިސްއަކީ ސިޔާސީ ނުފޫޒުން ރައްކާތެރިކުރެވިފައިވާ ޚިދުމަތެކެވެ. ސަރުކާރު ބަދަލުވިޔަސް، ވުޒާރާތަކުގެ އިސްވެރިންނަކީ އެ ދާއިރާއަކުން ތަޖުރިބާލިބިފައިވާ ފަންނީ މީހުންނެވެ. އެމީހުންނަކީ ވަކި ޕާޓީއަކަށް ވަފާތެރިވާންޖެހޭ ބައެއް ނޫނެވެ. މީގެ ސަބަބުން ސިޔާސަތުތަކުގެ ދެމެހެއްޓެނިވިކަން ދެމި އޮވެއެވެ.

• މިއާ ޚިލާފަށް، ރާއްޖޭގައި ސަރުކާރު ބަދަލުވުމާއެކު، ހުރިހާ މުއައްސަސާތަކެއްގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން "ބޭރުކުރުމަށް" ފަހު އަލުން އަންނަ ސަރުކާރުގެ ސިޔާސީ މީހުން އެ މަގާމުތަކަށް ވެރިކުރުވައެވެ. މީގެ ސަބަބުން ކުރީގެ ސަރުކާރުން ފަށައިފައިވާ ރަނގަޅު މަޝްރޫޢުތައް ވެސް ހުއްޓި، ކޮންމެ ފަހަރަކު އަލުން ސުމަކުން ފަށަންޖެހެއެވެ. މިއީ ރައްޔިތުންގެ ފައިސާއާއި ވަގުތު އިސްރާފުވާ ކަމެކެވެ.

ނިއުޒީލެންޑުގެ ދައުލަތުގެ ކުންފުނިތަކަކީ ސިޔާސީ އެކްޓިވިސްޓުންނަށް ވަޒީފާދޭ އޮފީސްތަކެއް ނޫނެވެ. ނިއުޒީލެންޑުގައި ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރަނީ ވިޔަފާރީގެ ދާއިރާއިން ކާމިޔާބު ހޯދާފައިވާ މީހުންނެވެ. އެމީހުންގެ މަޤްޞަދަކީ ކުންފުނި ފައިދާގައި ހިންގުމެވެ. އެކަން އެގޮތަށް ހިނގާތޯ އަބަދުމެ ބަލައެވެ.

• ނަމަވެސް ރާއްޖޭގައި ގިނަ ފަހަރަށް ދައުލަތުގެ ކުންފުނިތަކަކީ ސިޔާސީ ބޭނުންތަކަށް މީހުން ވައްދާ ތަންތަނެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް މީހުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވެ، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ކޮންމެ އަހަރަކު ދީގެން ފޫބައްދަންޖެހެއެވެ. އެތަންތަނުގައި ތިބޭ އިޚްލާސްތެރިން އެ ތަނުގެ މަތިން ފޫހިވެ އުފެއްދުންތެރިކަމަށް ލޮޅުން އަރައެވެ.

ނިއުޒީލެންޑުގެ "ވެލްފެއަރ" ނިޒާމުގެ ފައިދާ ލިބެނީ ވަކި ފިކުރެއްގެ ވަކި ވައްތަރެއްގެ މީހުންނަކަށް ނޫނެވެ. ވަޒީފާ ނެތް މީހާއަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ލިބޭ އެހީތެރިކަމަކީ އެމީހެއްގެ "ހައްޤެކެވެ". އެއީ ވަކި މީހަކަށް ސަނާ ކިޔައިގެން ނުވަތަ "ފޯމެއް" ފޮނުވައިގެން އާދޭސްކޮށްގެން ހޯދަންޖެހޭ އެއްޗެއް ނޫނެވެ.

• ނަމަވެސް ރާއްޖޭގައި ގިނަ ފަހަރަށް އެހީތެރިކަން ހޯދަންޖެހެނީ ސިޔާސީ މީހުންގެ ފަހަތުން ހިނގައިގެންނެވެ. މަޖިލީސް މެންބަރަށް އާދޭސް ދެންނެވުމާއި ސަރުކާރުގެ ކޮންމެވެސް އޮފީހެއްގެ ވެރިއެއްގެ ފައިބުޑަށް ނުވެއްޓި ހަމަ އެއްވެސް ކަމެއް ނިޒާމުގެ ތެރެއިން ހަމަޖައްސައެއް ނުލެވެއެވެ. ހަގީގީ އެހީތެރިކަން ބޭނުންވާ މީހާއަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. މިއީ ރައްޔިތުންގެ ކަރާމާތް ގެއްލި، ބައެއް ހާލަތްތަކުގައި ސިޔާސީ މީހުންގެ "އަޅަކަށް" ވާން މަޖުބޫރުވާ ކަމެކެވެ.

އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ ދިރިއުޅުމާއި މަސައްކަތާ ހަމަހަމަކުރުމުގެ ސިޔާސަތުތަކެވެ. "ވާކް ލައިފް ބެލެންސް"ގެ ވާހަކައެވެ. ގަޑި ޖެއްސުމަށް ވުރެ ބޮޑަށް މަސައްކަތް ނިންމުވުމަށް ދޭ އަހުމިއްޔަތުގެ ވާހަކައެވެ. ޢާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކަންކަން ފަހިކޮށްދޭ ގޮތުގެ ވާހަކަތަކެވެ.

ނިއުޒީލެންޑުގައި ދިރިއުޅޭ ޢިލްމީ އަދި ތަޖުރިބާ އާއި ހުނަރުގެ ގޮތުން ޤާބިލު މީހުންނަށް ކުރެވޭ އެންމެ ބޮޑު އެއް އިޙްސާސަކީ އެމީހުންގެ "ޢިލްމާއި ހިލްމުގެ އަގު" ވަޒަންކުރާ ކަމެވެ. އެ މަސައްކަތަށް ޤަދަރުކުރާކަމެވެ.

އެކަޑެމިކް ނުވަތަ ޢިލްމީ މިނިވަންކަން އޮވެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ޢިލްމީ ދިރާސާތައް ކުރިޔަސް، އެމީހެއްގެ ވަޒީފާއަކަށް އަސަރެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެފަދަ ދިރާސާތަކަށް މަރުޙަބާ ކިޔައެވެ. އެ ދިރާސާތަކާއި ފާޑުކިޔުންތަކުގެ އަލީގައި ސަރުކާރުގެ ކަންކަމަށް ހެޔޮބަދަލުތައް ގެނެސް އިސްލާޙުކުރެއެވެ.

• އަޅުގަނޑުމެން އެ ގައުމަކަށް ނިސްބަތްވާ ރާއްޖޭގައި، ސަރުކާރުގެ ސިޔާސަތަކާ ދެކޮޅަށް ފާޅުގައި އެއްޗެއް ބުނަން ގިނަ މީހުން ޖެހިލުންވެއެވެ. ވަޒީފާއިން ވަކިކުރުމާއި ނުވަތަ އެކި ގޮތްގޮތުން ދުއްތުރާ ކުރިމަތިވުން އާންމުވެފައިވާ މިންވަރުންނެވެ. މި ސަބަބަށްޓަކައި، ރާއްޖެ އުފެއްދި ބައެއް މޮޅު ސިކުނޑިތައް ތިބީ "ހަނު" ނުވަތަ ޤައުމު ދޫކޮށް ހިޖުރަކޮށްފައެވެ. އަމިއްލަ އިއްޒަތާއި އަބުރު ނީލަން ކިޔަން ބޭނުންނުވާތީއެވެ.

އަޅުގަނޑާ ބައްދަލުވި ގިނަ ދިވެހީން ނިއުޒީލެންޑުގައި ވަރަށް ހިތްހަމަޖެހިގެން ދިރިއުޅެނީ އެ ޤައުމަކީ މުއްސަނދި ޤައުމަކަށް ވީތީއެއް ނޫނެވެ. އެ ޤައުމުގައި "އިންސާފުވެރި ނިޒާމެއް" އޮތީމައެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ މަސައްކަތުން ކުރިއަށް ދެވޭނެކަމުގެ ޔަޤީންކަން އޮތީމައެވެ. ވަކި މީހަކަށް ވަކިގޮތެއް ނުހަދާނެކަމުގެ ޔަޤީންކަން އޮތީމައެވެ.

ރާއްޖެއަށް މިއަދު ބޭނުންވަނީ ހަމައެކަނި "ތަރައްޤީގެ މަޝްރޫޢުތަކެއް" ނޫނެވެ. ރާއްޖެއަށް ބޭނުންވަނީ ނިއުޒީލެންޑުން މި ފެންނަ ފަދަ "ގުޑް ގަވަރނަންސް" ނުވަތަ ހަރުދަނާ ވެރިކަމުގެ ނިޒާމެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއަކީ އަމާނާތެއް ކަމުގައި ދެކި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން ހުއްޓާލައި، ކޮންމެ ދިވެހި ރައްޔިތަކީ ވެސް އަގުހުރި، ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭ މީހެއް ކަމުގައި ބަލައިގަންނަ ދުވަހަކުން، ބޭރުގައި ތިބި އަޅުގަނޑުމެންގެ "ރަންމުތް"ތައް އެނބުރި ޤައުމަށް އަންނާނެކަމުގެ ފޮނި އުއްމީދު ހަމަ ގައިމުވެސް އަޅުގަނޑު ކުރަމެވެ. ދިވެހި ޢިލްމީ ސިކުނޑިތަކުން ރާއްޖެއަށް ވެސް ފައިދާކުރާނެކަން ކަށަވަރެވެ. ރާއްޖެ އަދި ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ވެސް އެބައޮތެވެ. އަދި އުއްމީދެއް ނުގެއްލެއެވެ.

comment ކޮމެންޓް