36 ބިލިއަނުގެ މަޝްރޫއުތަކުގައި ސޮއިކޮށް، ބަޖެޓުކުރީ ފަސް ބިލިއަން: މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އޭނާ ވިދާޅުވީ ސޮއިކުރި މަޝްރޫއުތައް 36 ބިލިއަނަށް އަރާކަމަށާއި ބަޖެޓުގައި އޮތީ ފަސް ބިލިއަން ކަމަށް -- ފޮޓޯ/ މަޖިލިސް

މިއަހަރު ކުރިއަށްގެންދިޔުމަށް ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގު 36 ބިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ފަސް ބިލިއަނަށްވުރެ ކުޑަ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އޭނާ ވިދާޅުވީ ސޮއިކޮށްފައިވާ 36.8 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މަސައްކަތް ފެށިފައި ހުރި މަޝްރޫއުތަކުގެ އަގު 31.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

...އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބިފައި އިނީ ފަސް ބިލިއަނަށްވުރެ ކުޑަ އަދަދެއް މި އަހަރު، ބަޖެޓު އޮތް ގޮތުން އަޅުގަނޑުމެންނަށް މަޝްރޫއުތައް ކުރިއަށް ގެންދަން މިޖެހެނީ ޕްރައޯރަޓައިޒް ކޮށްގެން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

އެކަން ފާހަގަކުރައްވައި މުއްތަލިބު ވަނީ މަޝްރޫއުތައް ކުރިއަށް ގެންދެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނައިދިނުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ އަދަދަށް ފައިސާ ނެތް ވާހަކަ މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި މަޝްރޫއުތައް ލަސްވަނީ ވެސް އެހެންވެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ވެސް އެކަން ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް -- ފޮޓޯ/ މަޖިލިސް

އެކަމާ ނުރުހުން ފާޅުކުރައްވައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، އެގޮތަށް ވާހަކަދެއްކެވުމުން އެއީ މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވުން ކަމަށް ވިދާޅުވެފައެވެ.

ބަޖެޓަކީ މިތަނަށް ވުޒާރާއިން ނިންމާފައި ރައީސް އޮފީހަށް ފޮނުވައި ރައީސް އޮފީހުން އެ މަސައްކަތް ކުރެވިގެން މި މަޖިލީހަށް އަންނަ ބަޖެޓެއް. ތިބޭފުޅުން ފޮނުވާއިރު އެކަށީގެންވާ އަދަދެއް ޖައްސަވާފައި ފޮނުވާށޭ. އެގޮތަށް އެކަން ނުކޮށް އަޅުގަނޑުމެންގެ ބޮލުގައި އެ ބަދުނާމު ނާޅުއްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

މިދިޔަ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ހަވާލުވުމަށްފަހު ހުއްޓިފައިވާ ކަމަށް ބުނެ އެމްޑީޕީން މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަނީ ބަޖެޓުގެ ދަތިކަމާ ހުރެ މަޝްރޫއުތަކުގެ މަސައްކަތްތައް ފެށުމުގައި ދަތިތައް ދިމާވާކަމަށް ބުނެފައެވެ. ހަމައެއާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހަވާލުވި ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ނުފަށާ މަޝްރޫއުތައް، ނުފަށައި ބޭއްވުމަށް ވެސް މިނިސްޓްރީން އަންގާފައިވެއެވެ.

މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް