އެކްޓިން ދާއިރާއަށް އަލަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް ދުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ފިލްމުތަކުން ލިބޭ ހުށަހެޅުންތައް ގަބޫލުނުކުރުމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ނިންމައިފިއެވެ.
މީގެކުރިންވެސް އާމިރު ވަނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އިސްކަން ދިނުމުގެ ގޮތުން ފިލްމީ މަސައްކަތްތަކާ ދުވަސްކޮޅަކަށް ދުރުހެލިވެފައެވެ. އޭގެފަހުން އަމިއްލަ ފިލްމު ކުންފުނީގެ އުފެއްދުންތަކަކީ އޮށްޓަރުހުރި ފެންވަރު ރަނގަޅު އުފެއްދުންތަކަށް ހެދުމުގެ ބޭނުމުގައި އެކްޓުކުރުމާ ދުރަށް ދުވަސްކޮޅަކު ހުންނާނެކަމުގެ އިޝާރާތެއް ވެސް އެކްޓަރު ވަނީ ދީފައެވެ.
އަލަށް އުފައްދާ ތަފާތު ޖޯންރާތަކަށްވުރެ ބޮޑަށް އާމިރަކީ އާދަޔާ ޚިލާފު މައުޟޫއުތަކަށް ބިނާކޮށް ފިލްމު އުފައްދަން ޝައުގުވެރިވާ އެކްޓަރެކެވެ. އެފަދަ ކޮންމެ ފިލްމަކުން އާމިރު ފުރުސަތު ހޯދާ އެކްޓުކުރުމުގެ ބަދަލުގައި މިހާރު އިސްކަންދެނީ އާ މޫނުތަކެއް އިންޑަސްޓްރީއަށް ނެރުމަށް ކަމަށް އުމުރުން 59 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
ސިއްހަތުން ސަލާމަތުން ހުރެއްޖެނަމަ ފިލްމީ ދާއިރާގައި އެކްޓުކުރުމުގެ މަސައްކަތް އާމިރު ކުރާނީ ޢުމުރުން 70 އަހަރުވުމާ ހަމައަށް ކަމަށާއި އޭގެ ފަހުން ދެންވާނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.
މިހާތަނަށް އެކްޓަރެއްގެ ހައިސިއްޔަތުން ބެލުންތެރިންނަށް ތިން އަހަރުތެރޭ އާމިރު ގެނެސްދެމުން އައީ އެންމެ ފިލްމެކެވެ. އެއީ ބެލުންތެރިން އާމިރަށް ދިން ލޯތްބާއި އިހުތިރާމާ އަޅައިބަލާއިރު ވަރަށް މަދު އަދަދެއް ކަމަށާއި ފިލްމު ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާނަމަ އެ އަދަދު އިތުރުކޮށްލުމުގެ ފުރުސަތު ފަހިވާނެ ކަމަށް، ބޮލީވުޑްގެ 'ޕާފެކްޝަނިސްޓް'ގެ ނަމުން މަޝްހޫރުވެފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
އާމިރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ފެށުމަށްފަހު ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދިނީ މި އަހަރުގެ މާޗް މަހު ރިލީޒްކުރި ފިލްމު "ލާޕަތާ ލޭޑީސް"އެވެ. މި ފިލްމަކީ އާ ފަންނާނުން ފިލްމީ ދާއިރާއަށް ނެރުމުގެ ފެށުން ކަމަށް އާމިރު ވަނީ ބުނެފައެވެ.
އާމިރުގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. އާމިރު ޚާން ޕްރޮޑިއުސްކުރާ އިތުރު ފިލްމެއް މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. އެއީ "ސިތާރޭ ޒަމީން ޕަރު"އެވެ.