ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ޓަކައި، ސަރުކާރަށް ދައްކަންޖެހޭ ފީ ބޮޑު ކުރުމާ ދެކޮޅު ހައްދަވައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ނުރުހުން ފާޅު ކުރައްވައިފިއެވެ.
ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ބިދޭސީ މަސައްކަތްތެރިން ވޯކް ޕާމިޓުގެ ގޮތުގައި 350 ރުފިޔާ ދައްކަންޖެހެއެވެ. އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ދަށުން ކޮންމެ 18 މަސްދުވަހަކުން އެއްފަހަރު އެ އަދަދު ބަދަލު ކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބެއެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި މުރާޖައާ ކުރުމަށްފަހު، ކަނޑައެޅުނު އަަދަދު 30 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގައި ގާސިމް މިއަދު ވަނީ ބިދޭސީންގެ އަތުން ނަގާ ކޯޓާ ފީ ބޮޑުކުރުމާއި ދެކޮޅު ހައްދަވައި، އެ އަދަދު ބޮޑުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާން ވިދާޅުވީ ސަރުކާރުން އެ ބިލު ފޮނުވާނީ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ. މަޖިލީހުން އެއަށް ބަދަލުތަކެއް ގެނައުމަކީ ސަރުކާރުން އަންދާޒާކޮށްފައިވާ އާމްދަނީ ލިބުމަށް އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށެވެ.
ބިދޭސީ މަސައްކްތެރިންގެ އަތުން މިއަދު ކޯޓާ ފީއެއގެ ގޮތުގައި 2،000 ރުފިޔާ ނަގާއިރު، އެ އަދަދު އޮންނަންވާނީ ސަރުކާރަށް ބަދަލުކުރެވޭގޮތަށް ކަމަށް އަޒާން ވިދާޅުވިއެވެ. އެއީ މިއަދު ނަގާ 2،000 ރުފިޔާގެ އަގު މީގެ ހަ އަހަރުފަހުން ތަފާތުވެދާނެ ކަމަށް ޓަކައެވެ.
ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މި ބިލަށް ތަކުރާރުކޮށް ގާސިމްވަނީ ދެކޮޅު ހައްދަވައި، ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާފައެވެ.
"މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އަޅުގަނޑު އެއްގޮތަކަށް ވެސް އެއްބަހެއް ނޫން މިޔަކަށް. މި ސަރުކާރުން ބަޔަކު ބަލާފައި ހަދާފައި ފޮނުވާ އެއްޗެއް ބަލާކަށް ނޫން އަޅުގަނޑުމެން މި ތިބީ. ސަރުކާރު ޒިންމާދާރުވާ ގޮތަށް، މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް ކަންތައް ކުރަންޖެހޭނެ ދެއްތޯ," ގާސިމް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭނީ ގާނޫނު އަސާސީގައި އެ ގޮތަށް ކަނޑައަޅައިގެން ކަމަށާއި، ހަދާ ގަވާއިދަކުން ރައްޔިތުންގެ އަތުން ޓެކްސް ނުނެގޭނެ ކަމަށެވެ.
މިއަދުގެ ކޮމިޓީ ނިންމައިލީ މި ކޯޓާ އިތުރުކުރެވޭ ގޮތަށް އޮތް މާއްދާއާ މެދު ގޮތެއް ނުނިންމައެވެ.