އިންޝުއަރެންސް ހޯދަން އޮޅުވާލައިފިނަމަ 5 މިލިއަނުން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބިލު ބަލައިގެންފި

މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގު ވަނީ މަޖިލީހަށް އިންޝުއަރެންސް ބިލު ހުށަހަޅުއްވާފައި: މިއަދު ވަނީ އެ ބިލު ބަލައިގަނެ، ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި -- ފޮޓޯ/ މަޖިލިސް

އިންޝުއަރެންސް ހޯދުމަށްޓަކައި ގަސްތުގައި ދޮގު މައުލޫމާތު ދީގެން ހައްގުނޫން މަންފާއެއް ހޯދައިފިނަމަ، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އިންޝުއަރެންސްގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގެވެ. މި ބިލަށް މަޖިލީހުގައި ވަނީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައެވެ. އެގޮތުން ކޮންމެ މެންބަރަކު ވެސް މިއީ ވަރަށް މުހިންމު ބިލެއް ކަމަށް ފާހަގަކުރެއްވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގެންފައި ވަނީ 77 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލު ބަލައިނުގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

އެއަށްފަހު އެ ބިލު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިތުރަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރެއްވީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.

އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވެސް މި ބިލުގެ މަގުސަދެއްކަން ތޯރިގު ފާހަަގަކުރެއްވިއެވެ.

މި ބިލުގައި ވަނީ އިންޝުއަރެންސް ކުންފުނި ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: 77 މެންބަރުންގެ ވޯޓާއެކު އިންޝުއަރެންސްގެ ބިލު މިއަދު ވަނީ ބަލައިގެންފައި -- ފޮޓޯ/ މަޖިލިސް

ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ، މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އަދި މި ގާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަކަށް، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ފަސްހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

https://sun.mv/195184

އެހެންނަމަވެސް އިންޝުއަރެންސްގެ ބިލުގައި ހިމަނާފައިވާ ޖޫރިމަނާގެ އަދަދުތައް "ތަންކޮޅެއް" ބޮޑު ކަމަށް މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މެންބަރު ޒަރީރު ވިދާޅުވީ އިންޝުއަރެންސްގެ ގާނޫނެއް މުޅިން އަލަށް ހެދިގެން ދާއިރު ވިސްނަންޖެހޭ ކަމަކީ "މިއީ އިންޝުއަރެންސްގެ ޅަފަތުގެ ދައުރުކަން" ކަމަށެވެ. އެހެންކަމުން ޅަފަތުގެ ދައުރުގައި ގިނަ ކުންފުނިތައް މި ދާއިރާގެ ތެރެއަށް ވައްދަންޖެހޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެކަން ކުރުމަށްޓަކައި މި ގާނޫނަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

https://sun.mv/195183

އިންޝުއަރެންސްގެ ބިލަށް މުހިންމު އިތުރު ތިން ހުށަހެޅުމެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މިދިޔަ ހަފުތާގައި ހުށަހަޅުއްވާފައެވެ. އެގޮތުން ނާޒިމް ހުށަހެޅުއްވީ:

  • ސެލްވޭޖުކުރުން މާއްދާއެއްގެ ގޮތުގައި ހިމެނުން.
  • އިންޝުއަރެންސް ނިޒާމުގެ ތެރެއިން މަރުވާ މީހަކަށް ލިބޭ ނަފާ އޭނާގެ ވާރިސުންނަށް ލިބޭގޮތް ހެދުން.
  • އިންޝުއަރެންސްގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އަމުރެއްގެ ދަށުން ހޯދޭ ގޮތަށް އޮތް އޮތުން ބަދަލުކުރުން.
  • އެމްއެމްއޭގެ ބާރުގެ ދަށުން އުފައްދާ، އިންޝުއަރެންސްއާ ގުޅޭ ކޮމިޓީ ދާއިމީ ކޮމިޓީއަކަށް ބަދަލުކުރުން އަދި އެ ކޮމިޓީން ނިންމާ ނިންމުމަކީ ފަހުގެ ނިންމުންކަން ކަނޑައެޅުން.

މީގެ ކުރިން ވެސް ރާއްޖޭގައި އިންޝުއަރެންސްގެ ނިޒާމެއް އޮތް ނަމަވެސް އެކަމަށް އަމަލުކުރާނެ ގާނޫނެއް ހެދިފައެއް ނުވެއެވެ.

މިއަދު ބަލައިގަތް ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގުކުރެވުމާއެކު އިންޝުއަރެންސްގެ ގާނޫނަށް މުޅިން އަލަށް ރާއްޖޭގައި އަމަލުކުރަން ފެއްޓޭނެއެވެ.

comment ކޮމެންޓް