ސެލްވޭޖުކުރުން ހިމެނޭ ގޮތަށް އިންޝުއަރެންސް ބިލަށް ނާޒިމްގެ ހުށަހެޅުންތަކެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް: އޭނާ ވަނީ ސެލްވޭޖުކުރުން ހިމެނޭ ގޮތަށް އިންޝުއަރެންސް ބިލަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ -- ފޮޓޯ/ މަޖިލިސް

ސެލްވޭޖްކުރުން ހިމެނޭ ގޮތަށް އިންޝުއަރެންސްގެ ބިލަށް މުހިންމު އިތުރު ތިން ހުށަހެޅުމެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވާ ނާޒިމް ވިދާޅުވީ، ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތަކެއް ހުރި ނަމަވެސް އަދި އެ ނިޒާމު އޮތީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ.

އެގޮތުން އާންމު ރައްޔިތުންނާ ކުންފުނިތަކާ އިދާރާތައް ވެސް މި ނިޒާމަށް ހޭލުންތެރިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ވެސް އިންޝުއާކުރަން ބޭނުންނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިންޝުއަރެންސްގެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ވަރަށް މުހިންމު ކަންތައްތަކެއް ހިމަނަންޖެހޭ ކަމަށް ވިދާޅުވެ ނާޒިމް ވަނީ މުހިންމު ހަތަރު ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

ނާޒިމް ހުށަހެޅުއްވީ:

  • ސެލްވޭޖުކުރުން މާއްދާއެއްގެ ގޮތުގައި ހިމެނުން.
  • އިންޝުއަރެންސް ނިޒާމުގެ ތެރެއިން މަރުވާ މީހަކަށް ލިބޭ ނަފާ އޭނާގެ ވާރިސުންނަށް ލިބޭގޮތް ހެދުން.
  • އިންޝުއަރެންސްގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އަމުރެއްގެ ދަށުން ހޯދޭ ގޮތަށް އޮތް އޮތުން ބަދަލުކުރުން.
  • އެމްއެމްއޭގެ ބާރުގެ ދަށުން އުފައްދާ، އިންޝުއަރެންސްއާ ގުޅޭ ކޮމިޓީ ދާއިމީ ކޮމިޓީއަކަށް ބަދަލުކުރުން އަދި އެ ކޮމިޓީން ނިންމާ ނިންމުމަކީ ފަހުގެ ނިންމުންކަން ކަނޑައެޅުން.

މި ހަތަރު ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގައި ހާދިސާއެއް ހިނގައިފިނަމަ ސިފައިންގެ މައްޗަށް އޮންނަނީ ރައްޔިތުންނާ ގެދޮރު ސަލާމަތްކުރުން ކަމަށެވެ. އެހެންނަމަވެސް މިއަދު އިންޝުއާކޮށްފައި ނެތުމުގެ ސަބަބުން ސިފައިންނަކަށް ވެސް އެކަން ކުރެވޭކަށް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެން މި ދަންނަވަނީ އިންޝުއާ ކޮށްފަ ނެތުނީމާ ސިފައިން މިކުރާކަމަކީ އެތަނަކަށް ގޮސް ރައްޔިތު މީހާ ސަލާމަތްކުރުމަށް ފަހު މުދާ ދޫކޮށްލާފައި ދަނީ، މިއަދު މަތިންދާބޯޓެއް ވެއްޓުނަސް، ކަނޑު އަޑިއަށް ބޯޓެއް ދިޔަސް، ނެގޭނެ ފަދަ ހާލަތެއް ނެތް ރާއްޖެއަކު، އިންޝުއަރެންސް ކުންފުނިތަކުން އެބަޖެހޭ ސިފައިން ވެސް އަދި އެހެން ކުންފުނިތައް ވެސް ބާރުވެރިކުރުވަން، އެހެން ނޫންނަމަ މިކަމެއް ނުއެއް ކުރެވޭނެ،

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

މިހާރު އެ ބިލުގައި އޮންނަ ގޮތުން ނަމަ އިންޝުއަރެންސް ނިޒާމުގެ ތެރެއިން މަރުވާ މިހަކަށް ލިބޭ ނަފާ ކޮންމެ މީހަކަށް ވެސް ލިބިދާނެއެވެ. އެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް އެމީހެއްގެ ވާރިސަކަށް އެ ނަފާ ލިބޭ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާގެ ދަށުން މައުލޫމާތެއް ހޯދުމަށްޓަކައި އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ޕީޖީގެ އަމުރެއްގެ ދަށުންކަމަށް އޮވެއެވެ.

ނަމަވެސް އެނޫން ހާލަތްތައް ވެސް އަންނާނެ ކަމަށާއި ކޮންމެހެން ކޯޓު އަމުރެއް ހޯދައިގެން އެ މައުލޫމާތު ހޯދަން ނުޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އިންޝުއާ ކުރި ފަރާތާ ކުރެވުނު ފަރާތާ ދެމެދު އެ މައުލޫމާތު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ގާނޫނަކަށްވުމަށްފަހު ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ ބާރު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ލިބިދެއެވެ. ނާޒިމް ވިދާޅުވީ އެއީ ކޮންމެ ކޭސްއަކަށް ވަކިވަކިން އުފައްދާ ކޮމިޓީއެއްކަން ސާފުނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ކޮމިޓީ ވާންޖެހޭނީ އެންމެ ފަހުގެ ނިންމުންތައް ނިންމާ ކޮމިޓީއަކަށް ވާންޖެހޭ ކަމަށާއި އެއީ ދާއިމީ ކޮމިޓީއަކަށް ބަދަލުކުރަން ހުށަހަޅުއްވާ ކަމަށެވެ.

އެހެން ނޫންނަމަ އެ ފައިސާ ލިބުން ލަސްވެ، ކޯޓު މަރުހަލާއަށް ގޮސް، ރައްޔިތުންނަށް އެތައް ގެއްލުމެއް ދެން ވެސް ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިންޝުއަރެންސްގެ ބިލެއް މަޖިލީހަށް ހުށަހެޅިފައި މިވަނީ މުޅިން އަލަށެވެ. މީގެ ކުރިން އިންޝުއަރެންސްގެ ކަންކަން ރާއްޖޭގައި ކުރެވެމުން އައީ ގާނޫނެއް ނެތިއެވެ.

comment ކޮމެންޓް