އިންޝުއަރެންސް ބިލުގައި ހިމެނޭ ޖޫރިމަނާގެ އަދަދުތައް ބޮޑު: ޒަރީރު

މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު: އޭނާ ވިދާޅުވީ އިންޝުއަރެންސް ބިލުގައި ހިމެނޭ ޖޫރިމަނާގެ އަދަދުތައް ބޮޑު ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޝުއަރެންސްގެ ބިލުގައި ހިމަނާފައިވާ ޖޫރިމަނާގެ އަދަދުތައް "ތަންކޮޅެއް" ބޮޑު ކަމަށް މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

އިންޝުއަރެންސްގެ ބިލެއް މަޖިލީހަށް ހުށަހަޅައިފައި މިވަނީ މުޅިން އަލަށެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވައި މެންބަރު ޒަރީރު ވިދާޅުވީ އިންޝުއަރެންސްގެ ގާނޫނެއް މުޅިން އަލަށް ހެދިގެން ދާއިރު ވިސްނަންޖެހޭ ކަމަކީ "މިއީ އިންޝުއަރެންސްގެ ޅަފަތުގެ ދައުރުކަން" ކަމަށެވެ. އެހެންކަމުން ޅަފަތުގެ ދައުރުގައި ގިނަ ކުންފުނިތައް މި ދާއިރާގެ ތެރެއަށް ވައްދަންޖެހޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެކަން ކުރުމަށްޓަކައި މި ގާނޫނަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި މީގައި ހިމެނިފައިވާ ޖޫރިމަނާގެ އަދަދުތައް ތަންކޮޅެއް ބޮޑު. އެހެން މި ދަންނަވާލަނީ އިއްޒަތްތެރި ރައީސް، ހަމަ މީހަކު ދޭ މައުލޫމާތަކުން، ނުވަތަ މީހަކު ދޭ ބިލަކުން ހުށަހަޅާ ޑޮކިއުމަންޓަކުން ދޭ ކޯޓޭޝަނަކުން އެ ކްލެއިމް ހުށަހަޅާ ފަރާތަށް ވެސް އެ ޖޫރިމަނާވުމުގެ ފުރުސަތު އެބައޮތް، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

އިންޝުއަރެންސް ބިލުގައި މިހާރު އޮތް ގޮތުން ނަމަ ގަސްތުގައި ދޮގު މައުލޫމާތު ދީގެން އިންޝުއަރެންސް ހޯދައި ހައްގުނޫން މަންފާއެއް ހޯދައިފިނަމަ، އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.

https://sun.mv/195111

ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ، މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އަދި މި ގާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަކަށް، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ފަސްހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރެއްވީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.

އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވެސް މި ބިލުގެ މަގުސަދެއްކަން ތޯރިގު ފާހަަގަކުރެއްވިއެވެ.

ރާއްޖޭގައި އޮޅުވައިލައިގެން އިންޝުއަރެންސް ހޯދުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އޭގެތެރޭގައި، ދޯނިފަހަރު ފަރަށް އަރުވާލައިގެންނާއި އަލިފާން ރޯކޮށްލައިގެން އާމްދަނީ ހޯދުމުގެ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް