މީރާއަށް 2.93 ބިލިއަނުގެ އާމްދަނީއެއް؛ މިދިޔަ އަހަރަށްވުރެ 17 އިންސައްތަ ދަށް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ޖުލައި މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރެޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި 2.93 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެއީ މީރާއިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 17.1 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނީ އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރާ އަޅައިބަލާއިރު، މިއަހަރުގެ އެ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.4 ޕަސެންޓް އިތުރުވުން ހިމެނޭ ކަމަށެވެ. އެއާއެކު ޓީޖީއެސްޓީ އާމްދަނީ އިތުރުވެފައިވާ މީރާއިން ބުނެފައިވެއެވެ.

މީރާއިން ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ދައްކަންޖެހޭ މިއަހަރުގެ ދެ ވަނަ އިންޓެރިމްގެ ފައިސާވެސް ޖުލައިމަހު ބަލައިގަނެފައި ވާކަމަށެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

އަދި އެންފޯސްމަންޓް ފިޔަވަޅުތަކާ ގުޅިގެން ކުރީގެ ސުންގަޑިތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ މީރާއަށް ލިބިފައި ވުމަކީވެސް އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ވަނީ ބުނެފައެވެ.

ނިމިދިޔަ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 50.07 އިންސައްތަ ނުވަތަ 1.47 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 33.33 އިންސައްތަ ނުވަތަ 997.31 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 116.28 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 77.83 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 75.05 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 217.78 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން ބުނީ މިއަހަރުގެ ޖުލައި މަހުގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

comment ކޮމެންޓް