ތިން ދުވަސްތެރޭ އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި

މާލެއަށް ބޯކޮށް ވާރޭ ވެހުން: ތިން ދުވަސްތެރޭ ރާއްޖެއަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަސްތެރޭ ރާއްޖެއަށް އެއް މަސް ދުވަހު ވެހޭ ވާރެއާ އެއްވަރަށް، ވާރޭ ވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފިއެވެ.

އަލްޖަޒީރާއިން މި ސަރަހައްދުގެ މޫސުން ލަފާކޮށް ބުނެފައިވަނީ، މާލެ ހިމެނޭ ގޮތަށް ރާއްޖެއަށް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާ ބެހޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ އެއީ ރާއްޖެއާ އެހާ ބޮޑަށް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ރާއްޖެއަކީ އަބަދުވެސް ވާރޭ ވެހޭ ގައުމެއް ކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަމައެކަމި އދ. މާމިގިއްޔަށް 62 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަރަބި ގައުމުތަކަކީ ވަރަށް މަދުން ވާރޭވެހޭ ގައުމުތަކަށް ވުމުން 60 ނުވަތަ 70 މިލިމީޓަރުގެ ވާރޭވެހުނަސް އެއީ ވަރަށް ގިނައިން ވާރޭ ވެހުން ކަމުގައި އެގައުމުތަކުން ފާހަގަކުރާ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ރާއްޖެއަށް އެވަރެޖުކޮށް މަހެއްގެ މައްޗަށް 500 މިލިމީޓަރުގެ ވާރޭވެހޭކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަލީ ޝަރީފް ވިދާޅުވީ މިހާރު ރާޢްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

މުޅި މި ހަފުތާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން މިއަދު ހެނދުނު ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރުމަށް ފަހު، ހެނދުނު 9:00އިން 15:00އަށް ވައިޓް އެލާޓް ނެރެފައެވެ.

މިކަމާ ގުޅުވާ މެޓް އޮފީހާއި ދިވެހި ފުލުހުންނާއި އެންޑީއެމްއޭގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކުރުމާއި ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ފަސްކުރުމުގެ އިތުރުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް