މެދުއިރުމައްޗަށް މިސައިލް ސަބްމެރިންއެއް ފޮނުވުމަށް އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ އަސްކަރީ އިސްވެރިޔާ ލޮއިޑް އޮސްޓްރިން އެގޮތަށް ނިންމަވައިފައި ވަނީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުاللهގެ އިސް މެމްބަރުންތަކެއް ޝަހީދުކޮށްލުމުން، ބަދަލު ހިފުމަށް އީރާނާއި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހަމަލާއެއް އިސްރާއީލަށް ކޮންމެ ވަގުތެއްގައިވެސް އަމާޒުވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
ނިއުކްލިއާ ސަބްމެރިންއެއް ކަމަށްވާ ޔޫއެސްއެސް ޖޯޖިއާ މިހާރުވެސް އޮތީ މެޑިޓެރޭނިއަން ކަނޑުގައެވެ. ސޯޝަލް މީޑިއާގައި އެމެރިކާގެ އަސްކަރިއްޔާއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސަބްމެރިންއެއް ފޮނުވާކަން އާންމުކޮށް އިއުލާން ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.
އިސްރާއީލުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާއިރު، މެދުއިރުމައްޗަށް އިތުރު ފައިޓާ ޖެޓްތަކާއި ކަނޑުގެ ސިފައިންގެ ހަނގުރާމަ މަނަވަރުތައް ފޮނުވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މީގެކުރިން ވަނީ ބުނެފައެވެ.
އީރާނުގެ ތާއީދު އޮންނަ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލީ ޖުލައި 31 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށެވެ. އެ ހަމަލާއަކީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށާއި އެކަމުގެ ބަދަލު އިސްރާއިލުގެ ކިބައިން ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ނަމަވެސް ހަނިއްޔާ ޝަހީދުކޮށްލަން ދިން ހަމަލާގެ ޒިންމާ އިސްރާއީލުން އުފުލައިފައެއްނުވެއެވެ.
އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާއެއްގައި ހިޒްބުاللهގެ އިސް އަސްކަރީ ކޮމާންޑަރު ފުއާދު ޝުކުރު ޝަހީދުކޮށްލުމާ ގުޅިގެން ޣައްޒާގެ ހަމަނުޖެހުން އިތުރުވެ، މެދުއިރުމަތީގެ ހަނގުރާމައަކަށް ބަދަލުވެދާނެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އިސްރާއީލަށް ތާއީދުކުރާތީ ހަނިއްޔާ އަވަހާރަކޮށްލުމުގެ ޒިންމާ އެމެރިކާއިންވެސް އުފުލަން ޖެހޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.