އޮސްޓްރޭލިއާގައި ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

ހެލިކޮޕްޓަރު ވެއްޓުނު އޮސްޓްރޭލިއާގެ ޑަބަލްޓްރީ ބައި ހިލްޓަން ހޮޓެލް. ފޮޓޯ/ޓައިމްސް އޮފް އިންޑިއާ

އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ އުތުރަށް އޮންނަ ކެއަންސް ސިޓީގެ ހޮޓަލެއް މައްޗަށް ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓް މަރުވެއްޖެއެވެ.

އޮސްޓްރޭލިއާ ގަޑިން ރޭ ހިނގި އެ ހާދިސާގައި ހެލިކޮޕްޓަރު ވެއްޓުނީ ޑަބަލްޓްރީ ބައި ހިލްޓަން ހޮޓަލުގެ ފުރާޅަށެވެ. ހެލިކޮޕްޓަރު ވެއްޓުމާއެކު ހޮޓަލުގައި ވެސް އަލިފާން ރޯވެ، އެތަނުގައި ތިބި ގިނަ ބަޔަކު ވަނީ ބޭރަށް ނުކުމެފައެވެ.

މި ހާދިސާއާ ގުޅިގެން ކުއީންސްލޭންޑުގެ ފުލުހުން ބުނީ، ހެލިކޮޕްޓަރުގައި އެވަގުތު އިނީ ޕައިލެޓް އެކަނި ކަމަށެވެ. އަދި އެއީ ދުއްވަން ހުއްދަ އޮތް ހެކޮޕްޓަރެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހޮޓަލުގައި ތިބި މީހުންގެ ތެރެއިން 80 އަހަރުގެ އަންހެނަކާ 70 އަހަރުގެ ފިރިހެނަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އެމީހުންގެ ހާލު ރަގަޅުކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައިވެއެވެ.

ހޮޓަލުގެ ބައެއް މީހުންނާ ހަވާލާދީ ބީބީސީން ބުނީ، ވިއްސާރަ މޫސުމެއްގައި ހެލިކޮޕްޓަރު ދަތުރުކުރީ އެއްވެސް ލައިޓެއް ނުދިއްލާ ފުދޭވަރަކަށް ތިރިން ކަމަށެވެ. އަދި ހެލިކޮޕްޓަރު ފުރާޅުގައި ޖެހުމާއެކު ބާރު ގޮވުމެއްގެ އަޑު އިވުނުކަމަށް ވެސް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ބުނީ އެ ހާދިސާ ތަހުގީގު ކުރާ މީހުން ފޮނުވަމުން އަންނަ ކަމަށެވެ.

އަދި ނޯޓިލަސް އޭވިއޭޝަނުން ބުނީ ކުއީންސްލޭންޑްގެ ހުރިހާ ކަމާބެހޭ ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރާނެ ކަމަށާއި އެމީހުންގެ ހެލިކޮޕްޓަރެއް ހުއްދަ ނެތި ބޭނުން ކުރި މައްސަލަ ބަލާނެ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހޮޓަލުގެ ވަށައިގެންވާ މަގުތައް ކޯޑޮންކޮށް އެ ސަރަހައްދުގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ކެއާންސް ސިޓީއަކީ ގްރޭޓް ބެރިއާ ރީފާ ކައިރި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް