ކެނެޑާއަށް ޖައްސަންއުޅުނު މަތިންދާބޯޓެއް އެކޮޅު ކޮޅުން ވެއްޓި 19 މީހުން ޒަޚަމްވެއްޖެ

ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓެއް ކެނެޑާގެ ޓޮރޮންޓޯ ސިޓީގެ ޕީއާސަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، އެކޮޅުކޮޅުން ޖެހުމުގެ ސަބަބުން 19 މީހަކު ޒަޚަމްވެއްޖެއެވެ.

ޓްރޮންޓޯ އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދިން ގޮތުގައި އެ ބޯޓަކީ މިނިއަޕޮލިސްއިން ފުރައިގެން ޓްރޮންޓޯގައި ޖައްސަން އައި ބޯޓެކެވެ. ކެނެޑާ ގަޑިން ރޭ ދަންވަރު 2:15 ގައި އެ ހާދިސާ ހިނގިއިރު، ބޯޓުގައި 76 ފަސިންޖަރުންނާއި ހަތަރު ކްރޫއިން ތިއްބެވެ.

ހާދިސާއާ ގުޅިގެން ގާތްގަޑަކަށް ދެ ގަޑިއިރާއި ބައި ވަންދެން ފްލައިޓްތައް މެދުކަނޑާލިއެވެ. އެ ހާދިސާ ތަހުގީގު ކުރަމުންދާތީ، އެއާޕޯޓުގެ ދެ ރަންވޭއެއް ބަންދުކޮށްފައިވާ ކަމަށް ވެސް އެސޯސިއޭޓް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވުމުން. ނިސްބަތުން ކުދިކުދި އަނިޔާތަކެއް ލިބިފައި ހުރީ،" ގްރޭޓާ ޓޮރޮންޓޯ އެއާޕޯޓްސް އޮތޯރިޓީގެ ސީއީއޯ ޑެބޮރާ ފްލިންޓް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ބޯޓު ވެއްޓުމުގެ ހާދިސާގައި 19 މީހަކު ވަނީ ޒަޚަމްވެފައި. ފޮޓޯ/އޭޕީ

ވީޑިއޯތަކުން ފެންނަ ގޮތުގައި މިޓްސުބިޝީ ސީއާރުޖޭ-900 އެލްއާރު މަރުކާގެ އެ ބޯޓު އޮތީ ސްނޯތަކުގެ މަތީގައި އެކޮޅުކޮޅުންނެވެ. ހަފްތާ ބަންދުގައި ޓޮރޮންޓޯއަށް ވަނީ ވަރަށް ބޮޑަށް ސްނޯ ފައިބައިފައެވެ.

ޒަޚަމްވެފައިވާ މީހުންނަށް އެހީތެރިވުމަށް އަވަސް ފަރުވާދޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބޯޓު ވެއްޓެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަން ބުނަން އަދި މާ އަވަސް ކަމަށް މީޑއާތަކުން ރިޕޯޓުކޮށްފައިވާއިރު، ކެނެޑާގެ މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނާ ގޮތުގައި ބޯޓު ވެއްޓުނު ވަގުތު އެއާޕޯޓުގައި ގަޑިއަކު 32 މޭލާއި 65 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހެމުން ދިޔައެވެ.

އަދި ފިނިހޫނުމިން ގާތްގަނޑަކަށް 16.5 ޑިގްރީ ފަރެންހައިޓް (މައިނަސް 8.6 ޑިގްރީ ސެލްސިއަސް) އަށް އަރާފައިވެއެވެ.

comment ކޮމެންޓް