ލުބުނާނުން އިސްރާއީލަށް 30 ރޮކެޓް ފޮނުވަލައިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ، އައިޑީއެފް އިން ބުނެފިއެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ފޮނުވާލި އެ ރޮކެޓް ހަމަލާތައް ބައެއް ހުސް ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށާއި ހަމަލާތަކުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އައިޑީއެފް އިން ބުނެއެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން އިސްރާއީލުގެ އުތުރުގައި ސައިރެންތަކަށް ފަހު ލުބުނާނުގެ ކަބްރީ ސަރަހައްދާ ދިމާއަށް ހުރަސްކޮށް ގާތްގަނޑަކަށް 30 ޕްރޮޖެކްޓައިލް ފެނިފައިވާއިރު އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓައިލްތައް ވެއްޓުނީ ހުސް ސަރަހައްދުތަކަށް،" އެ ހަމަލާއާ ގުޅިގެން އައިޑީއެފުން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ.
ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި ކަމަށް ތުހުމަތުކޮށް އީރާނުގެ ބާރުތަކުން ބަދަލު ހިފުމުގެ ހަމަލާއެއް ދީފާނެ ދަނޑިވަޅަކަށް ތައްޔާރުގައި ތިބިކަމަށް މީގެކުރިން އައިޑީއެފުން ވަނީ ބުނެފައެވެ. އަދި އެފަދަ ކަމަކަށް ވާންޖެހޭ ތައްޔީތަކުގެ އިރުޝާދު އާންމުންނަށް ދެމުން އަންނަ ކަމަށް ވެސް އައިޑީއެފުން ބުންޏެވެ.
ސީއެންއެންގެ ޕޮލިޓިކަލް އެންޑް ފޮރިން ޕޮލިސީ އެނަލިސްޓް ބަރަކް ރަވިދު ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މަސްދަރަކުން ބުނާ ގޮތުގައި އިސްރާއީލަށް އީރާނުގެ ހަމަލާއެއް ވަރަށް އަވަހަށް އިސްރާއީލަށް އަމާޒުވެދާނެ ކަމަށް އެ ގައުމުގެ ޖާސޫސީ އިދާރާއިން އިން ވަނީ ލަފާކޮށްފައެވެ.
އަދި އެއީ މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ، ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ރަހީނުން މިނިވަން ކުރުމާގުޅޭ މަޝްވަރާތައް ކުރުމުގެ ކުރިން ކަމަށް ވެސް ޖަސޫސީ އިދާރާއިން ލަފާކުރާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.
މި ހަފްތާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ބާއްވަން ރާވާފައިވާއިރު، އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهގެ ހަމަލާއެއްގެ ނުރައްކާ ވެސް އިސްރާއީލަށް ވަނީ ބޮޑުވެފައެވެ.
ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކުގެ މެދުވެރިން ކަމަށްވާ، އެމެރިކާ، ގަތަރާއި މިސްރުން ބުރާސްފަތި ދުވަހު ބުނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލައި ރަހީނުން މިނިވަން ކުރުމުގެ އެންމެ ފަހުގެ ހުށަހެޅުން މި ހަފްތާ ހުށަހަޅާނެ ކަމަށެވެ.
މަޝްވަރާތަކުގައި އިސްރާއީލުގެ ފަރާތުން ބައިވެރިވާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ މަސްދަރަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ސިޔާސީ ގޮފީގެ އާ ވެރިޔާ ޔަހުޔާ ސިންވާރު ވެސް ވަނީ ހަނގުރާމަ ހުއްޓައިލުމަށް އެދިވަޑައިގެންފައެވެ.
ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއި ޖުލައި މަހު ކުރިއަށް ގެންދިޔަ އދގެ ސަލާމަތީ މަޖިލީހުގެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް ތަންފީޒު ކުރުމަށްވެސް ހަމާސް އިން ހުށަހަޅައިފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.