މަޓާޓޯއިން ފަތުރުވެރިކަމުގެ ދާއިރާގެ އަންހެނުން ބާރުވެރިކުރުމަށް ކޮންފްރެންސެއް ބާއްވަނީ

މަޓާޓޯއިން ފަތުރުވެރިކަމުގެ ދާއިރާގެ އަންހެނުން ބާރުވެރިކުރުމަށް ކޮންފްރެންސެއް ބާއްވަނީ-- ފޮޓޯ/މަޓާޓޯ

ހޮޓެލް ޖެން މާލެ، (ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިލާ) ގެ އެއްބާރުލުމާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖޭންޓް އެންޑް ޓުއާ އޮޕަރޭޓާސް( މަޓާޓޯ) އިން މިއަހަރުގެ މޯލްޑިވްސް ޓްރެވެލް ކޮންފްރެންސް، ވިމެންސް ބާއްވަން އިޢުލާންކޮށްފިއެވެ.

މަޓާޓޯ އިން ބުނީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފްރެންސަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ މުހިއްމު ދައުރު ފާހަގަކޮށް އަލިއަޅުވާލުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

މަޓާޓޯ އިން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެންޑޯސްމެންޓް ވެސް މި އިވެންޓަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން މަޓާޓޯއިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒާއި ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމާނީއާއި ބައްދަލުކޮށް ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުމާއި ލީޑަޝިޕް ކުރިއެރުވުމަށް ޓަކައި އެއްކޮށް މަސައްކަތްކުރެވޭނެ މަގުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މަޓާޓޯއިން ބުނީ މިނިސްޓްރީގެ އެއްބާރުލުމުގެ އިތުރުން ވިމެން އިން މެނޭޖްމެންޓް (ވިމް)، ވިމެން އޮން ބޯޑްސް (ޑަބްލިޔުއޯބީ) އަދި ވިމެން އެންޓްރަފްނިއާސް އެސޯސިއޭޝަން-މޯލްޑިވްސް (ވީއީއޭއެމް) ފަދަ ފާހަގަކޮށްލެވޭ އަންހެނުންގެ ޖަމްޢިއްޔާތަކުގެ އެންޑޯސްމެންޓް ވެސް މި ކޮންފެރެންސް އަށް ލިބިފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެކަމުން ދައްކުވައިދެނީ ފަތުރުވެރިކަމުގައި އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއި ފުރުސަތުތައް ހައްލުކުރުމުގައި މި އިވެންޓުގެ މުހިއްމުކަން ފުޅާދާއިރާއެއްގައި ދެނެގަނެވިފައިވާކަން ކަމަށެވެ.

މަޓާޓޯ އިން ބުނީ މޯލްޑިވްސް ޓްރެވެލް ކޮންފްރެންސްގެ ވިމެން އެޑިޝަންގައި ޓޫރިޒަމް ދާއިރާގެ ހުރިހަ ދާއިރާއަކުން ސިނާއަތުގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފާހަގަކޮށްލެވޭ އަންހެން ކަނބަލުން އެއްވާނެ ކަމަށެވެ.

މީގެއިތުރުން މި ކޮންފްރެންސްގައި ހިތްވަރުލިބިދޭ ވާހަކަތަކާއި، ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިންގެ ފުރުސަތުތައް ކުރިއަށް ގެންދާނީ އެންމެން ބައިވެރިވެގެން، ގިނަ ފަރާތްތަކެއް ތަމްސީލުކުރާ އިންޑަސްޓްރީއެއް އުފެއްދުމަށް އަމާޒުކޮށްގެން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް