މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މެންބަރުން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާ އެމްޑީއޭގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މި ހަރަކާތަކީ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ލަފާފުޅާއެކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މި ހަރަކާތް އެންމެ ފުރަތަމަ ފަށާފައި ވަނީ ނ. އަތޮޅުގައި ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި އަތޮޅުތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ހުރިހާ ރަށެއްގައި ރަށު މަޖިލިސްތައް އެކުލަވައިލާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެމްޑީއޭއަކީ ރައްޔިތުންނަށް މަންފާވާ، ދެ ޖިންސުގެ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުއްޓާނުލާ ކޮންމެ ހަފުތާއަކު ކޮންމެސް އެއް ރަށެއްގައި އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދާނަން. މިހާތަނަށް ދެވުނު ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރަން. އަޅުގަނޑު ގަބޫލުކުރަން ވެލިދޫ، ފޮއްދޫ، ހޮޅުދޫ އަދި މުލިން ވެސް ބޮޑު ތާއީދެއް ލިބިގެންދާނެ ކަމަށް މި ޕާޓީއަށް، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް
އެމްޑީއޭ އުފެދިގެން އައީ 2012 ވަނަ އަހަރުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރެޖިސްޓާކޮށްފައި 11 ޕާޓީއެއް އޮތް އިރު އެމްޑީއޭއަކީ ފަސް ވަނައަށް އެންމެ މެންބަރުންގެ އަދަދު ގިނަ ޕާޓީއެވެ.