'އެންގްރީ ޔަންގް މޭން' މި މަހު އެމޭޒަން ޕްރައިމްއަށް

ޖާވިދު އަޚްތަރު އަދި ސަލީމް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ހިންދީ ސިނަމާގެ ކާމިޔާބު ގިނަ ފިލްމުތަކެއްގެ ސްކްރީން ޕްލޭ ތައްޔާރުކޮށް ލިޔުނު ލިޔުންތެރިން ކަމަށްވާ ޖާދި އަޚްތަރާއި ސަލީމް ޚާން 'ސަލީމް-ޖާވިދު'ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ޑޮކިއުމަންޓްރީ އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރަން ނިންމައިފިއެވެ.

"އެންގްރީ ޔަންގް މެން: ދަ ސަލީމް-ޖާވިދު ސްޓޯރީ"ގެ ޕޯސްޓަރާ އެކު މި ޑޮކިއުމެންޓްރީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެން ޕްރީމިއާ ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.

މި ޑޮކިއުމެންޓްރީއަކީ ސަލީމް ޚާންގެ ދަރިފުޅު އެކްޓަރު ސަލްމާން ޚާންގެ ކުންފުނި ސަލްމާން ޚާން ފިލްމްސްއާ ޖާވިދު އަޚްތަރުގެ ދެ ކުދިން ކަމަށް ފަރުހާން އަދި ޒޯޔާ އަޚްތަރުގެ ފިލްމު ކުންފުނިތައް ގުޅިގެން ގެނެސްދޭ ޑޮކިއުމެންޓްރީއެކެވެ.

ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުންނަ ނަމްރަތާ ރާއޯގެ މި ޑޮކިއުމެންޓްރީއިން 70އިގެ އަހަރުތަކުގައި ސިނަމާއަށް ގެނެވުނު ބޮޑެތި އިންގިލާބުތަކާ އެކު ސަލީމް-ޖާވިދުގެ ނުފޫޒު އޭރުގެ ފިލްމުތަކަށް ކުރި މިންވަރު ދައްކުވައިދޭނެއެވެ. މި ޑޮކިއުމެންޓްރީއާ ގުޅިގެން ސަލްމާން ޚާން ބުނެފައިވަނީ ސަލީމް-ޖާވިދަކީ 70ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ތިބި އެންމެ ވިސްނުންތޫނު އަދި އާޓް ރަނގަޅަށް ކްރާފްޓްކުރަން އެނގޭ ދެ ޝަހުސިއްޔަތު ކަމަށެވެ.

ސަލްމާން ބޮޑުވަމުން އައި ދުވަސްވަރު ބައްޕަ ސަލީމާ އެކު ޖާވިދު ފިލްމުތަކުގައި މަޝްއޫލުވެގެން އުޅުނު މަންޒަރު ވަރަށް ގާތުން ދުށް ކަމަށާއި އެއީ ދެ މީހުން މަސައްކަތްކުރާ ސްޓައިލް ވަރަށް ތަފާތު ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

"އެންގްރީ ޔަންގް މެން: ދަ ސަލީމް-ޖާވިދު ސްޓޯރީ"ގެ ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާންގެ އުއްމީދަކީ ކުރި މަގުގައި ސަލީމް-ޖާވިދު ގުޅިގެން ގެނެސްދޭ ފިލްމެއް ސިނަމާއިން ބެލުންތެރިންނަށް ފެނުން ކަމަށާއި އެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށެވެ. މި ޑޮކިއުމެންޓްރީއަށް ދެވިފައިވާ ނަން "އެންގްރީ ޔަންގް މޭން"އަކީ ސަލީމް-ޖާވިދު ސިނަމާއަށް ދޫކޮށްފައިވާ ވަރަށް ޚާއްސަ ލެގަސީއެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލީމް-ޖާވިދު އެކީގައި ލިޔުނު ގިނަ ފިލްމުތަކުން އޭރު އެންމެ ގިނައިން ފުރުސަތު ލިބުނު އެއް ތަރިއަކީ އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަންއެވެ. އަމީތާބަށް ޚާއްސަކޮށް ސަލީމާއި ޖާވިދު ލިޔުނު ކެރެކްޓާތަކަށް ލިބުނު ކާމިޔާބީއާ އެކު ގިނަ ބަޔަކު އަމީތާބަށް ދިން ޚާއްސަ ނަމަކީ "އެންގްރީ ޔަންގް މޭން"އެވެ. އޭގެ ބައެއް ފިލްމުތަކުގެ ތެރޭ "ކާލާ ޕައްތަރު"، "ދީވާރު". "ޝޯލޭ"، "ޑޮން"، "ޒަންޖީރު"، "ޓްރިޝުލް" އަދި "ދޯސްތާނާ" ހިމެނެއެވެ.

comment ކޮމެންޓް