ބޫލް ބުލައްޔާގައި ތުރިޕްތީގެ ރޯލަކީ ސަޕްރައިޒެއް

ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ 3"ގައި ބަތަލާ ތުރިޕްތީ ދިމްރީގެ ރޯލަކީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށް ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފިއެވެ.

ފިލްމުގައި ތުރިޕްތީ ކުޅޭ ރޯލަކީ ޓްރެއިލާއިން ފެނުނު މަންޒަރުތަކަށް ވުރެ މާ ތަފާތު ރޯލެއް ކަމަށާއި ބެލުންތެރިން ހީވެސް ނުކުރާ ކަހަލަ ރޯލެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ފިލްމުގައި ގެނެސްދޭ ކޮންމެ ޓުވިސްޓަކާ ވެސް ތުރިޕްތީގެ ރޯލް ގުޅިފައިވާ ކަމަށާއި އެ ރޯލަށް ތުރިޕްތީ ހޮވުނު ކަމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އަނީސް ވަނީ ބުނެފައެވެ.

ތުރިޕްތީގެ ރޯލުން ބަތަލާ ބެލުންތެރިންނަށް ވެސް ހައިރާންކަމެއް ގެނެސްދޭނެ ކަމަށާއި ފިލްމުގައި ތުރިޕްތީ ކުޅޭ ރޯލް މިހާރު ތަސައްވަރުކުރަން ދަތިވާނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުނެފައިވެއެވެ. އެހެންވެ، ތުރިޕްތީ ފިލްމުގައި ފެންނާނެ ގޮތާ ބެހޭގޮތުން ހިންޓެއް ވެސް ދެވެން ނެތް ކަމަށް ނޫސްވެރިން ގާތު އަނީސް ބަޒްމީ ވަނީ ބުނެފައެވެ.

ފިލްމު "ބޫލް ބުލައްޔާ 3"ގެ ޝޫޓިންގްތެރެއިން--ފޮޓޯ/ޕިންކްވިލާ

މި ފިލްމުން ބަތަލާއިންގެ ގޮތުގައި ވިދިޔާ ބާލަން އަދި މަދޫރީ ޑިކްސިޓް ވަރަށް މުހިއްމު ރޯލްތަކުން ފެންނާނެއިރު މިހާތަނަށް ވެސް ސީދާ ތުރިޕްތީ ފެންނާނީ ކޮންކަހަލަ ކެރެކްޓާއަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު އުންމީދުކުރީ ތުރިޕްތީއަކީ ފިލްމުގައި ކާތިކްގެ ބަތަލާ ކަމަށް ވިޔަސް މިހާރު ތުރިޕްތީ ވެފައިމިވަނީ ފިލްމުގައި ބެލުންތެރިން އެންމެ ބޮޑަށް ހައިރާންކޮށްލާނެ ކެރެކްޓާއަށެވެ.

ފިލްމު "ބޫލް ބުލައްޔާ 3"ގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު ފިލްމާ މެދު ކުރެވޭ އުއްމީދުތައް ވަރަށް ވެސް ފޮންޏެވެ.

comment ކޮމެންޓް