ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުވެސް އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަންވެސް ކުރައްވާ، އުބައިދުލް ހަސަންގެ އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން އިސްތިއުފާ ދެއްވައިފައި ވަނީ ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ވެރިކަމުގައި ހުންނެވި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާކުރި މީހުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވައިލައި މުހުލަތެއް ދިނުމުންނެވެ.

ހަސަން އިސްތިއުފާ ދެއްވައިފައިވާކަން ބަންގްލަދޭޝްގެ ގާނޫނުތަކާބެހޭ ވުޒާރާގެ މުޝީރު، އާސިފް ނަޒްރުލް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ހަސަން އިސްތިއުފާ ދެއްވުމަށް ގޮވައިލައި ހައިކޯޓުގެ ދޮށަށް މީހުން އެއްވެފައި. ފޮޓޯ/ރޮެއިޓާސް

އުއްތަމަ ފަނޑިޔާރުކަން ދޫކޮށްލެއްވުމަށް އޭނާ އެއްބަސްވެ ވަޑައިގަތީ މުޒާހަރާކުރާ މީހުން ކޯޓު ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށެވެ. ކޯޓު ދޮށަށް މީހުން އެއްވީ އުއްތަމަ ފަނޑިޔާރު ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކުރައްވައިގެން ބައްދަލުވުމެއް ބާއްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބުމާއެކުގައެވެ.

މުޒާހަރާކުރާ މީހުން ތުހުމަތުކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރައްވަނީ ޖުޑީޝަރީގެ ތެރެއިން ބަޣާވާތެއް ގެނައުމަށެވެ. އަދި އޭނާ އަކީ ހަސީނާއަށް ވަފާތެރި ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު އަބްދުރު ރައޫފް ތަލޫކްދަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް އޭނާގެ މަގާމުގެ މުހިންމުކަމަށް ބަލައި، އެ އިސްތިއުފާ ބަލައިނުގަންނަ ކަމަށް މާލީ ވުޒާރާގެ މުޝީރު، ޞާލިހުއްދީން އަހުމަދު ނޫސްވެރިންނަށް ވިދާޅުވިއެވެ.

ހަސީނާގެ 15 އަހަރުވީ ވެރިކަން ދޫކުރައްވައި، އިސްތިއުފާ ދެއްވުމަށް މަޖުބޫރުވެ ވަޑައިގަތީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމަށް ގެންގުޅޭ އުސޫލާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާގައި އެދުނު ގޮތަށް ސަރުކާރުން އަމަލުނުކޮށް މުޒާހަރާތަކުގައި ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ހަމަނުޖެހުންތަކަށްފަހުއެވެ. އެ ހަމަނުޖެހުންތަކުގައި ގާތްގަޑަކަށް 300 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

އޭގެފަހުން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންފައި ވަނީ އެ ގައުމުގެ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވައިފައިވާ މުޙައްމަދު ޔޫނުސްއެވެ.

comment ކޮމެންޓް