އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝިލްޑް މެޗު ސިޓީން ކާމިޔާބުކޮށް، އާ ސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މެޗުގައި ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ބައްދަލުކޮށްފައިވަނީ އެފްއޭ ކަޕްގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއެވެ. މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 7-6 އިންނެވެ.
ސިޓީގެ މުހިންމު ގިނަ ކުޅުންތެރިން މި މެޗުގައި ނުކުޅޭއިރު ޔުނައިޓެޑްގެ ވެސް މުހިންމު ބައެއް ކުޅުންތެރިން މެޗުން ނުފެނުނެވެ. މުޅި މެޗުގައި ޔުނައިޓެޑަށް ސިޓީގެ ގޯލަށް އަމާޒުކޮށް ދެ ހަމަލާ ފޮނުވާލެވުނުއިރު ސިޓީއަށް ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ވެސް ނުޖެހުނެވެ.
ދެވަނަ ހާފުގައި ސިޓީއަށް ވުރެ ޔުނައިޓެޑްގެ ކުޅުން ރަނގަޅެވެ. ސިޓީއަށް ވުރެ ނުރައްކާކޮށް ފެނުނީ ޔުނައިޓެޑެވެ. ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޔުނައިޓެޑުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެހަންޑްރޯ ގެނާޗޯއެވެ.
ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑުން ކާމިޔާބުކުރި މި ލަނޑާ އެކު މި ފަހަރު ވެސް ކޮމިއުނިޓީ ޝީލްޑް ސިޓީއަށް ނުލިބިދާނެކަމުގެ ބިރު ހީވިއެވެ.
އެކަމަކު، ސިޓީގެ ކުޅުންތެރިން ހިތްވަރު އެލުވައިނުލާ މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ބެނާޑޯ ސިލްވާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވެގެން ނިމުމާ އެކު ނަތީޖާ ނެރުމަށްޓަކައިވަނީ ޕެނަލްޓީ ޖަހައިފައެވެ.
ޕެނަލްޓީގައި ވެސް ސިޓީން ޖެހި ފުރަތަމަ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާ މަތަކުރިއެވެ. އަދި، މެޗުގެ ހަތަރުވަނަ ޕެނަލްޓީ ޖޭޑަން ސަންޗޯ ޖެހިއިރު ސިޓީގެ ކީޕަރު އެޑަސަން ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފައެވެ. ޔުނައިޓެޑުން ދެން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ޖޮނީ އިވާންސް އަތުން ބޭރަށް ދިޔައިރު ސިޓީގެ ފަހު ޕެނަލްޓީ ވައްދާލީ މެނުއަލް އަކާންޖީއެވެ.
އެއާ އެކު، 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް ސިޓީން ކާމިޔާބުކޮށްފައެވެ.