އައްޑޫ ހަންކެޑެ ބުރިޖު އަންނަ މަހު ހުޅުވާލަނީ؛ މަސައްކަތްތައް މިހާރު ވަނީ ނިމިފައި

އައްޑޫ ހަންކެޑެ ބުރިޖު: އައްޑޫ ސިޓީ ކައުންސިލުން ބުނީ މަސައްކަތްތާ ނިންމާ އަންނަ މަހު ހުޅުވާލާނެ ކަމަށް -- ފޮޓޯ/ އަހުމަދު އާއިޝް

އައްޑޫ ސިޓީ ހަންކެޑެ ބުރިޖުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށާއި، އަންނަ މަހު އެ ބުރިޖު އާންމުންނަށް ހުޅުވާލާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބުރިޖުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެތަން ބޭނުންކުރުމަށް ހުޅުވާލުމުގެ ކުރިން ދެން ކުރަން ހުރީ ވަރަށް ކުދިކުދި މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެތެރޭގައި ބުރިޖުގެ ފެންސް ޖެހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބުރިޖުގައި މިހާރު ހުރީ ތާރު އަޅައި މަގުބައްތިތައް ވެސް ހަރުކޮށްފައެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބުރިޖު އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލާނެ ކަމަށެވެ.

އައްޑޫ ހަންކެޑެ ބުރިޖު: އައްޑޫ ސިޓީ ކައުންސިލުން ބުނީ މަސައްކަތްތާ ނިންމާ އަންނަ މަހު ހުޅުވާލާނެ ކަމަށް -- ފޮޓޯ/ އަހުމަދު އާއިޝް

ހަންކެޑެ ބްރިޖުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން 1.4 ކިލޯމީޓަރުގެ ހަތަރު ލޭނުގެ ބްރިޖެއް ވަނީ ތަރައްގީކޮށްފައެވެ.

ހަމައެއާއެކު ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާ ހަންކެޑެ މަޝްރޫއުގެ މަސައްކަތުގެ ބިންގާ ވަނީ މިއަހަރުގެ އޭޕްރިލް މަހު އަޅާފައެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާއެވެ.

ހަންކެޑެ ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލަކަށް ވާނެ ކަމަށް ބުނެ މި މަޝްރޫޢު އިއުލާނުކޮށް، މި މަޝްރޫއުގެ ޑިޒައިންގެ ފޮޓޯ ހިއްސާކުރަމުން، މީގެ ކުރިން ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަންގެ (އެމްއެފްއެމްސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް